"ވިޔަވަތި ރާއްޖެ" ކޮންފަރެސްގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ސުވާލުތަކާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން އިލްމުވެރިން އެކަމަށް ރައްދު ދެއްވައިފިއެވެ.

ކޮންފަރެސްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި ސެޝަންގައި ރައީސް ނަޝީދު ވަނީ ސަލާމަތީ ހިދުމަތްތަކުގެ ވެރިންނަށް 11 ސުވާލެއް އަމާޒުކުރައްވާފައެވެ.

  • އައިއެސްގެ ރާއްޖޭގައި ހަރަކާތްތެރިވާ ސެލް ދެނެގަންނަ ގޮތަކީ ކޮބައިތޯ އަދި ކިތައް ސެލް ރާއްޖޭގައި ހަރަކާތްތެރިވޭތޯ؟
  • ސެލްތަކުގައި ހަރަކާތްތެރިވާ މީހުންނަކީ ކޮބައިތޯ؟
  • 1400 މީހުންގެ ލިސްޓެއް އެކުލަވާލާފައިވޭތޯ؟
  • އެމީހުން ހައްޔަރު ނުކޮށް ތިއްބަވަނީ ކީއްވެގެންތޯ؟
  • ފުލުހުންނާއި ސިފައިންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ފާހަގަކުރުމަށް ގެންގުޅޭ މިންގަނޑެއް އޮވޭތޯ؟
  • ބޭރުގެ ޖާސޫސީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މައުލޫމާތު ހިފަހައްޓަވަނީ ކީއްވެތޯ؟
  • ހަރުކަށި ފިކުރު ފެތުރުމަށް ގެންގުޅޭ މަދަރުސާތަކާއި މަކުތަބްތަކުގެ ހިންގުން ސަރުކާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރޭތޯ؟
  • މަދަރުސާތަކުގެ މަންހަޖު ބަދަލުކުރަން ފަށާނީ ކޮންއިރަކުންތޯ؟
  • ރާބޯ މީހަކު ހައްޔަރު ކުރަން ކިތައް ރުފިޔާ ހަރަދުވޭތޯ؟
  • ސައުދީ އަރަބިއްޔާއާއި އެހެނިހެން ހަރުކަށި ފިކުރުގެ ހިޔާލުތައް އާލާކުރާ ގައުމުތަކުގެ ޔުނިވާސިޓީތަކަށް ކުދިން ފޮނުވާއިރު އެ ޔުނިވާސިޓީތަކުގެ މަންހަޖު އެނގޭތޯ؟
  • މިއުޒިކާއި މުނިފޫހިފިލުވުން ކުރިއަރުވައި އާލާ ކުރުމަށް އޮތް ޕްރޮގްރާމަކީ ކޮބައިތޯ؟

ރައީސް ނަޝީދުގެ ސުވާލުތަކަށް ރައްދު ދެއްވަމުން ޝެއިހް އަލީ ޒައިދު ވިދާޅުވީ، ރާބޯ މީހުންނާއި ރާބޯން ހިތްވަރުދޭ މީހުން ތައުޒީރު ކުރުމަކީ އިސްލާމީ ހުކޫމަތެއްގައި ވަލިއްޔުލްއަމްރުގެ މައްޗަށް ވާ ވާޖިބެއް ކަމަށެވެ. އަދި ރަލަކީ ހުރިހާ ނުބައެއްގެ "މައި އެތި" ކަމަށާއި ރަލަކީ އެންމެހާ ނުބައި ކަންތަކުގެ މަންމަ ކަމަށް ހަދީސްތަކާ ހަވާލާދީ އިލްމުވެރިން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކުރައްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، މަސްތުވާތަކެތި ޕްރޮމޯޓްކޮށް، އެކަން ކުރުމަށް ހިތްވަރުދީ ހެދުމަކީ އިސްލާމް ދީނަށް ލޯބިކުރާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި، މީހުންގެ މުދާ ނުހައްގު ގޮތުގައި ޖަހައިގަތުމަކީ ވެސް އިސްލާމް ދީނަށް ކުލުނެތް ހުރި މީހަކު ކުރާ ޒާތުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދީ އަރަބިއާ އާއި އެހެނިހެން ހަރުކަށި ފިކުރުގެ ހިޔާލުތައް އާލާކުރާ ގައުމުތަކުގެ ޔުނިވާސިޓީތަކަށް ކުދިން ފޮނުވާއިރު އެ ޔުނިވާސިޓީތަކުގެ މަންހަޖު އެނގިލައްވާތޯ އައްސަވާ ރައީސް ނަޝީދު ކުރެއްވި ސުވާލަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، ސައުދީ އަރަބިއާގެ އެއްވެސް ޔުނިވާސިޓީއަކީ ހަރުކަށި ފިކުރު ފަތުރާ ތަންތަން ނޫން ކަމަށެވެ. އަދި ސައުދީގެ ޔުނިވާސިޓީތަކުން ގްރެޖުއޭޓް ވެގެން ރާއްޖޭގެ އެކި ލެވަލްތަކުގެ މަގާމުތަކުގައި އެތައް ހާސް ދިވެހީންނެއް ހަރަކާތްތެރި ވަމުންދާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ސައުދީ އަރަބިއާ އަކީ ހައްދު ފަހަނައަޅާފައިވާ ވިސްނުން ފަތުރާ ގައުމެއް ނޫން ކަމަށާއި ސައުދީ ޔުނިވާސިޓީތަކަކީ ވެސް އެފަދަ ފިކުރު ފަތުރާ ތަންތަން ނޫން ކަމަށެވެ. އަދި ސައުދީ އަރަބިއާ ބަދުނާމު ކުރައްވަން ނޫޅެއްވުމަށް އެދިވަޑައިގެން ޑރ ޝަހީމް ވަނީ ސައުދީން ކިޔެވި ދަރިވަރުން ރާއްޖޭގެ ހުރިހާ ސަރުކާރެއްގެ ވަރަށް މަތީ މަގާމުތައް އަދާކޮށްފައިވާ ކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ޑރ. އިޔާޒް ވަނީ ނޭނގޭ ވާހަކަ ނުދައްކާ، ހަނު ހުރިއްޔާ "ފަތަށް ވެސް ލުއި ވާނެ" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

ނަޝީދުގެ ވާހަކަތަކާ އެކު އިލްމުވެރިންގެ ފާޑުކިއުން އޭނާއަށް އަމާޒުވެފައި ވާއިރު، ހުރިހާ އިލްމުވެރިން ވެސް ރައްދު ދެއްވީ ނުސީދާކޮށް ރައީސް ނަޝީދުގެ ނަން ވިދާޅުނުވެއެވެ.