ހދ. ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިރޭ 7:01 ހާއިރު ވައިކަރަދޫގައި ދެ ސައިކަލުޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވެފައިވާ ކަމުުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓްގައި އެކަކުގެ ބޯ ފަޅައިގެން ގޮސް ހާލު ސީރިއަސްވެގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ދެވަނަ މީހާއަށް ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓްގައި އަނިޔާވި 2 މީހުންގެ އަތުގައިވެސް ލައިސަންސް ނެތް ކަމަށެވެ.

މި އެކްސިޑެންޓް ގައި އަނިޔާވީ 48 އަހަރުގެ ދިވެހި ފިރިހެނަކަށާއި 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މި ދެމީހުންގެ ތެރެއިން ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެމުންދަނީ 48 އަހަރުގެ މީހާއަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ވައިކަރަދޫއަކީ ފުލުހުން ތިބޭ ރަށެއް ނޫނެވެ. ނަމަވެސް، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އޮޅުން ފިލުވުމަށްޓަކައި ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.