މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ޑްރައިވަރާއި ޕެސެންޖަރު ދޫކޮށްލުމަށްފަހު ޕެސެންޖަރު އަލުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ރޭ އާސަހަރާ ކައިރިން ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ޓެކްސީ ބަލާފާސްކުރި އިރު ކާރުގެ ކުރީ ސީޓުގައި ތިބި ދެ މީހުންގެ ދެމެދުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކާރު ޑްރައިވަރަކަށް އިން 26 އަހަރުގެ މީހާއާއި ޕެސެންޖަރަކަށް އިން 28 އަހަރުގެ މީހާ ހައްޔަރުކުރި ކަމަށެވެ. ނަމަވެސް، 24 ގަޑިއިރަށް ބަންދު ކުރުމަށްފަހު މި ދެ މީހުން ވެސް މިއަދު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ހައްޔަރު ކުރި ދެމީހުންގެ ތެރެއިން 28 އަހަރުގެ މީހާއަކީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ޝަރުތުކޮށް ދޫކޮށްލާފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހެއް ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފާހަގަކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވާތީ، އެކަން ކަރެކްޝަންސް އަށް އަންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އޭނާއާ މެދު ގޮތެއް ނިންމުމަށް ކަރެކްޝަންސްއާ ހަވާލުކޮށްދިނުމަށް އެދި އެފަރާތުން ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން އޭނާ ހޯދާ ކަރެކްޝަންސްއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.