ހަރުކަށި ފިކުރާ ކުރިމަތިލުމަށް ގައުމުގެ އިސްވެރިން ތިއްބެވީ ކެރިވަޑައިގެން ކަމަށް އެ ފަރާތްތަކުން ވިދާޅުވެއްޖެއެވެ.

ކްރޮސްރޯޑްސްގައި ދެ ދުވަހަށް ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުން، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުން އޮތީ ކެރިގެން ކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވިއެވެ. އަދި އެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެފަދައިން ވިދާޅުވެފައެވެ.

އެގޮތުން، ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ހަރުކަށި ފިކުރާ ކުރިމަތިލައި، މައްސަލައަށް ހައްލު ހޯދުން ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ދަތި އުނދަގުލުން ގައުމު ސަލާމަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަތައް ސިއްރުކޮށްގެން، ހިފަހައްޓައިގެން ތިބެގެން ގައުމަށް ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށާއި ޖިހާދުގެ ނަމުގައި ސީރިއާ އަށާއި އިރާގަށް އަދި އަފްޣާނިސްތާނަށް މީހުން ދާކަން ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަހާސިންތާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިއާ ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރު މޫލަމުން އަންނަތާ އެތައް ޒަމާނެއް ވެފައިވީ ނަމަވެސް، ސިޔާސީ ފައިދާއަށް އެއީ ނުވާކަމެއް ކަމަށް ހަދާލައިގެން ތިބީ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރާއްޖޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ގަބޫލުކޮށް، އެކަމާމެދު ފިޔަވަޅު އަޅަން ސަރުކާރުން ކެރިގެން ނުކުތުމަކީ އުފާކުރައްވާ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރުގެ ސަބަބުން ކުޑަކުދިން ހަލާކުވެ، އަންހެނުންތަކެއް ބިކަވާތަން ބަލަން ސަރުކާރުން ނުތިބޭނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި ސަރުކާރުން ބަސްބުނެ، ކެރިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި އިޖުތިމާއީ ބަލިމަޑުކަމެއް ފެތުރެމުން އަންނަ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، ކުޑަކުދިން ސްކޫލަށް ނުފޮނުވުމާއި، ކުޑަ ކުދިންނަށް ވެކްސިން ނުދޭ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. މިކަންތައް ފާހަގަ ކުރައްވާ މާރިއާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ވިޔަވަތި ރާއްޖެ" މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަނގުރާމަވެރިން އުފެދިގެން އަންނަ ކަމަށާއި އެ މިލިޓެންސީގެ ސަބަބުން ދިވެހި ދައުލަތަށް ލިބިދާނެ ގެއްލުންތަކާ ގުޅޭގޮތުން ކޮންފަރެންސްގައި މަޝްވަރާ ކުރެވުމަކީ ރަނގަޅު ފާލެއް ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ތެރެއިން ހަރުކަށި ފިކުރު ހުއްޓުވަން ސަލާމަތީ ބާރުތަކުން ތައްޔާރަށް އޮތް މިންވަރު ހާމަވެގެންދާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެ ބާރުތަކުން ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ހިފަހައްޓައިދޭނެ ކަމުގެ ފުރިހަމަ އިތުބާރު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮންފަރެންސްގެ މިއަދުގެ ސެޝަންގައި ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ވަނީ، ރާއްޖޭގައި ހަރުކަށި ފިކުރުު ފުޅާވެގެންދާ މިންވަރާއި އެކަން މިހާރު އޮތް މިންވަރާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން މިހާތަނަށް 173 މީހަކު ރާއްޖެއިން ހަނގުރާމައަށް ސީރިއާ އަށް ގޮސްފައިވާ ކަމަށާއި ހަރުކަށި ފިކުރާ ދެކޮޅަށް ކައުންސިލްތަކުން ކުރެވިދާނެ ކަންތައްތައް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ވަނީ ކައުންސިލަރުންނާ ހިއްސާ ކޮށްފައެވެ.