އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ރާއްޖެއިން ޖަރުމަން ޝެންގެން ވިސާ ނެގޭނެކަމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އިއުލާން ކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު މިކަން އިއުލާންކުރެއްވީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި، ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއިއެކު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައެވެ. މި ބައްދަލުވުމުގައި، ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމަށް ދިވެހިން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮޅުނބަށް ކަމަށާއި، އެކަމަކީ ބުރަ އަދި އުނދަގޫ ކަމެއްކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މި މައްސަލައަށް ހައްލެއްހޯދުމަށް ޖަރުމަންވިލާތާއި، ޔޫރަޕިއަން ޔޫނިއަންގެ އިތުރު ގައުމުތަކާއި، ވިސާގެ ހިދުމަތް ފޯރުކޮށްދޭ ވީއެފްއެސް ގްލޯބަލްއާއިއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ކުރަމުން ގެންދާ ކަމަށެވެ.

ފުރަތަމަ ޖަރުމަންވިލާތުން އެކަނި މި ހިދުމަތް ދިން ނަމަވެސް އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ގައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހިކޮށްދޭނެ ކަމަށް
ޝާހިދު

މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. އަދި މިކަމާއި ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއާއި، އެޔޫނިއަންގެ މެންބަރު ގައުމުތަކާއިއެކު ވާހަކަ ދެކެވި، މަޝްވަރާތައް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަކީ ކޮންމެ އަހަރަކުވެސް އެތައް ލައްކަ ފަތުރުވެރިންނަކަށް މަރުޙަބާ ކިޔާ ގައުމެއްކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ބޭއްވުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހުންނަން ޖެހޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް ޒިޔާރަރްކުރާ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޖަރުމަންވިލާތުގެ ސަފީރާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރުވެސް ދުނިޔޭގެ 84 ގައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރު ކުރެވޭކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. މިއަހަރު އެކަނިވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވާ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ހޯދިފައިވާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ދިވެހި ޕާސްޕޯޓަކީ، އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓް
ޝާހިދު

ދިވެހި ޕާސްޕޯޓްގެ ރައްކާތެރިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ދިވެހި ޕާސްޕޯޓަކީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓު ކަމަށެވެ.

ރާއްޖެއިން ޝެންގެން ވިސާ ދޫކުރުމުގެ ހިދުމަތް ފަށަނީ އަންނަ މާޗް މަހުން ފެށިގެންކަމުން، އަންނަ އަހަރު ޖަރުމަންވިލާތުގެ ބާލިންގައި އޮންނަ އައިޓީބީ ފެއާގައި ބައިވެރިވުމަށް އެގައުމަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުޔެއް ހޯދައިދިނުމަށް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 އިން 5 އަށް ޖަރުމަން ޝެންގެން ވިސާ ދޫކުރުމަށް ވަގުތީ ކްލިނިކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖަރުމަންވިލާތުގެ ސަފީރު އިއުލާން ކުރައްވާފައިވާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.