ހަރުކަށި ފިކުރުގެ 1،400 އެއްހާ މީހުން ދިވެހިންގެ ތެރޭގައި މިހާރުވެސް އެބަ ތިބި ކަމަށް ފުލުހުންނަށް މިހާތަނަށް އެއް ކުރެވިފައިވާ ތަފާސް ހިސާބުތަކުން އެނގިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ކްރޮސްރޯޑުގައި 200 އަށްވުރެ ގިނަ ކައުންސިލަރުންނާ އެކުގައި ފެއްޓެވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށްވެސް ކޮމިޝަނާ ވިދާޅުވިއެވެ.

ކޮމިޝަނާ ވިދާޅުވީ ހަރުކަށި ފިކުރަށް ވަދެގެން ގޮސް، ޖެހިގެން ހުރި މީހާ މަރާލުމަށް ފަސް ނުޖެހޭ ދަރަޖައަށް ބައެއް ދިވެހިންގެ ވިސްނުން ގޮސްފައިވާ ކަމަށާއި އެ ފިކުރުގައި ޖެހިފައި ތިބި، ދިވެހިން މިވަގުތުވެސް ރާއްޖޭގައި އުޅެމުން ދާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި ފިކުރަށް ވައްދާފައި ތިބި، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސް ނުޖެހޭ ވަރަށް ފިކުރުގެ ތެރެއަށް ވެއްޓިފައި ތިބި 1400 އާ ގާތްކުރާ އަދަދަކަށް ދިވެހިން މިއަދު އަޅުގަނޑުމެންނާ އެކު އެބަ ތިބި
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު

މީގެ އިތުރުން އޭނާ ވިދާޅުވީ އަފްގާނިސްތާނާއި ޕާކިންސާންގައި ހިނގި ހަމަނުޖެހުމާއި ހަރުކަށި އަމަލުތަކުގެ ތެރޭގައިވެސް އެތައް 100 ދިވެހިން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެނބުރި ރާއްޖެ އައިސް އެ ފިކުރު ފެތުރުމުގެ މަސައްކަތްތަކެއް ކުރާ ކަމުގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާ ކަމަށެެެ.

އަދި އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނައަޅާ ފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ގޮފިތައް ދުނިޔޭގެ އެކި ގައުމުތަކުގައި އުފެއްދުމަށް އެ ޖަމާއަތުން މަސައްކަތް ކުރާ އިރު ރާއްޖޭގައި ވެސް އެފަދަ ގޮފިތައް އުފެއްދުމަށް ޝައުގުވެރިވާ ދިވެހިން އެބަ ތިބި ކަމަށްވެސް އޭނާ ގެ ވާހަކައި ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، ދިވެހިންގެ ތެރެއިން ބަޔަކު އަފްގާނިސްތާނުގެ "ހުރާސަން ޕްރޮވިންސް" ގައި އުފައްދަން އުޅުނު އައިސްގެ ގޮތްޕާ ބައިވެރިވުމަކީ އޭގެ ހެއްކެއް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ ދީނީ ގޮތުން އެ ފަތުރާ ހަރުކަށި ފިކުރުގައި ރާއްޖެ އޮތް ހާލަތާއި އޭގައި ބައިވެރިވުން އޮތް އަދަދުތައް ވެސް ކަމާބެހޭ ފަރާތްތަކަށް އެނގޭ އިރު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން އެ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށްވެސް ވިދާޅުވިއެވެ.