ކުޑަކުދިންގެ ހައްގުތަކާ ކަރާމަތަށް އުނިކަން ނާންނަގޮތަށް ކުޑަކުދިންނާ ގުޅޭ އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގެވުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މީޑިޔާތަކަށް ގޮވާލައްވައިފިއެވެ.
ރައީސްގެ އަނބިކަނބަލުން މިހެން ވިދާޅުވީ ރާއްޖެޓީވީ ގެ 9 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އެފަދަ ކެންޕޭނެއްގެ ސަބަބުން އާންމުންގެ ހޭލުންތެރިކަން އިތުރުވެ ދައުލަތުގެ އެކި މުއައްސަސާތަކުން އެކަމަށް ދޭ ސަމާލުކަން އިތުރުވެގެންދާނެ ކަމުގައެވެ. އެގޮތުން މިވަގުތު އެންމެ ކަންބޮޑުވާ އެއްކަމަކީ ކުޑަކުދިންނާ ގުޅުންހުރި ކަންތައްތައް ކަމަށާއި ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ކުޑަކުދިންނާމެދު އިހްމާލު ވެވޭތަންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި މިހާރު ކަން އޮންނަގޮތަކީ ކަމެއް ދިމާވެއްޖެ ނަމަ ދެ ހަފްތާއެއްހާދުވަސް ވަންދެން އެވާހަކައެއް މީޑިއާގައިވެސް ދެކެވި އެވާހަކައެއް އެހިސާބުން އޮބިގެން ދިއުންކަން ފާހަގަ ކުރެއްވިއެވެ. އޭގެ ބަދަލުގައި މިފަދަ ގޮތަކަށް ރޭވިގެން ދިގުމުއްދަތަކަށް އަމާޒު ހިފައިގެން އާރުލާ ގޮތަކަށް ކުޑަކުދިންނާ ގުޅޭ މައްސަލަތައް ގެނެވިދާނެކަން އެކަމަނާގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މީޑިޔާއިން އެގޮތުން ސަމާލުކަން ދެވިދާނެ ކުޑަކުދިންނާ ގުޅޭ ބައެއް ސުރުހީތައްވެސް އެކަމަނާގެ ވާހަކަގައި ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ މީގެ ތެރެއިން ގިނަ ކަންކަމަކީ ކުއްޖާ ވަރަށް ތުއްތުއިރު، ގޭތެރެއިން ފެށިގެން އަންނަ ކަންކަން ކަމަށް ބެލެވޭތީ، ބެލެނިވެރިންނަށް އަމާޒުކޮށްގެން އާންމު ހޭލުންތެރިކަމުގެ ކެމްޕޭނެއް ހިންގުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ހަމަ އެހެންމެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކަންކަމާ ފުށުއަރާފަދަ ކަންކަން އިސްތިހާރު ތަކުން ފެންނަކަން ފާހަގަ ކުރައްވައި އެއީ އެކަން ހިނގައިގެން ވާނެ ގޮތެއް ނޫންކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.