ޔޫޓިއުބް ތަރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޒުވާން ޔޫޓިއުބާ 'ޕިއުޑީޕައި' ޔޫޓިއުބް ޕްލެޓްފޯމާ ދުރަށް ޖެހިލާކަން ހާމަކޮށްފިއެވެ.

ސްވީޑްންއަށް އުފަން، އުމުރުން 29 އަހަރުގެ ފިއެލިކްސް ޝެލްބޭއި ނުވަތަ 'ޕިއުޑީޕައި' ޔޫޓިއުބް އާއި ދުރަށްދަނީ ކުޑަ ދުވަސްކޮޅަކަށް ކަމަށާ، މިކަން ކުރަންޖެހުނީ "މާ ބޮޑަށް ވަރުބަލިވެގެން" ކަމަށް ވަނީ ހާމަކޮށްފައެވެ.

އޭނާ ކުރި ވީޑިއޯ ޕޯސްޓްއެއްގައި ޕިއުޑީޕައި ބުނީ ކުރިއަށް އޮތް އަހަރު އޭނާ އުޅެނީ ޔޫޓިއުބް ޕްލެޓްފޯމްއާއި ފުދޭ ވަރަކަށް ދުރުގައި ކަމަށާ، ވެގެން އުޅޭ ގޮތެއް ފަހުން ކިޔައިދޭނެ ކަމަށެވެ.

2019 ވަނަ އަހަރު ފެށިގެން އައިއިރު އެންމެ ގިނަ މީހުން ސަބްސްކްރައިބްކޮށްފައިވާ ޔޫޓިއުބާއަކީވެސް ޕިއުޑީޕައިއެވެ. އޭނާގެ ޗެނަލަށް ސަބްސްކްރައިބްކޮށްފައިވާ މީހުންގެ އަދަދު އޭރު އޮތީ 102 މިލިއަނަށް އަރާފައެވެ. އެއީ މިހާރު 121 މިލިއަން ސަބްސްކްރައިބަރުންނާއެކު 1 ވަނާގައި އޮތް އިންޑިއާގެ ބޮލީވުޑް ރެކޯޑް ލޭބަލް ޓީ-ސީރީޒް ވައްޓާލުމަށްފަހުގައެވެ.

ޔޫޓިއުބްއާއި ދުރަށް ޕިއުޑީޕައި ދާކަން ހާމަކޮށްފައިވާ މިދަނޑިވަޅަކީ، ނަސްލީ ފުރައްސާރަކުރުން އެކުލެވޭ ފަދަ ވާހަކަތަކަކާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.