ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުން ޕީޕީއެމްގް ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ހާޒިރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް ނިންމައިފިއެވެ.

ދިފާއީ ހެއްކެއްގެ ގޮތުގައި ޒާހިދު ހާޒިރުކޮށް ދިނުމަށް އެދިފައިވަނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފަރާތުންނެވެ. ހައިޝަމްގެ ފަރާތުން ދިފާއީ 11 ހެއްކެއް ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން ހަތް މީހެއްގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް އޭނާގެ ވަކީލް ބުނެއެވެ.

7 މީހެއްގެ ހެކިބަސް ނުނެގުމަށް ނިންމާފައިވަނީ، ދައުލަތުން އެކަށީގެންވާ ހެކިން ހުށަހަޅާފައި ނުވާތީ ކަމަށާއި، އެ ހަތް ހެކިންނަކީ ދައުލަތުން ހުށަހަޅާނެ ކަމަށް ދައުވާގައި ބުނެފައިވާ ހެކިންގެ ހެކިބަސް ނަފީ ކުރުމަށް ހައިޝަމްގެ ފަރާތުން ހިމެނި ހެކިން ކަމަށް އޭނާގެ ވަކީލު ބުނެއެވެ. ހައިޝަމްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައި ވަނީ 4 މީހުންނެވެ. އެ ހަތަރު މީހުންނަކީ ވެސް ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައިވާ މީހުންނެވެ. އަދި އެ މީހުންގެ އެޑްރެސް ދިފާއަށް ނޭނގޭތީ، އެމީހުންގެ މައުލޫމާތު ހޯދުމަށް ފުލުހުންގެ އެހީތެރިކަމަށް ދިފާއުން ވަނީ އެދިފައެވެ.

ޔާމީނަށް މަރުގެ އިންޒާރު ދިން މީހުންގެ ތެރޭގައި ހިމެނޭ ޒާހިދު ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ނެރުއްވާނެ ކަމަށް ޝަރީއަތުން ވަނީ ބުނެފައެވެ. އެއީ، އޭނާ، އޭނާގެ އަމިއްލަ ރުހުމުގައި ކޯޓަށް ހާޒިރު ނުވާނެތީ ކަމަށް ދިފާއީ ވަކީލ ބުނެއެވެ. ދިފާއުން ވަނީ ޒާހިދުގެ އިތުރުން ދެން ހުށަހަޅާފައިވާ 3 ހެކިން ވެސް ކޯޓަށް ހާޒިރު ކޮށްދިނުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް، އެ މީހުންގެ ފުރިހަމަ މައުލޫމާތު ހުށަހަޅާފައި ނެެތުމުން އެ މީހުން ހާޒިރުކުރަން އަމުރު ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގެންދާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެ މައްސަލައިގައި ޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި، މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައި ވާކަމަށާ އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ދީފައި ވާ ކަމަށް ބުނެއެވެ.