ފިޖީގެ މިނިސްޓަ އޮފް ފިޝަރީޒް ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ފިޖީގެ ފިޝަރީޒް މިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ 34 ވަނަ އިންފޯފިޝް ގަވާނިން ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. ރަސްމީ ދަތުރެއްގައި ފިޖީގެ ފިޝަރީޒް މިނިސްޓަރު ސެމީ ކޮރޮއިލަވެސައު، ރާއްޖެ ވަޑައިގެންނެވީ ރެއެވެ.

އިންފޯފިޝް ގަވާނިން ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. 2019 ވަނަ އަހަރު އިންފޯފިޝް ގަވާނިން ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ރާއްޖޭންނެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްއިއްޔާ (އެފްއޭއޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ގައުމުތައް ތަމްސީލުކުރާ ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާގައި 13 މެންބަރު ގައުމު އެކުލެވެއެވެ.

އިންފޯ ފިޝްއިން އޭޝިޔާއާއި ޕެސިފިކް ގައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗާ ކުރިއަރުވާ ބައިނަލްއަގްވާމީ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދީ މާކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.