ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތެއް ކުރިމިނަލް ކޯޓްގައި މިއަދު ތާވަލުކޮށްފިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ މިއަދު އަޑުއެހުން ތައާވަލް ކޮށްފައިވަނީ، މެންދުރުފަހު 1:30 އަށެވެ. މި މައްސަލައިގައި އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި، ދައުވާ ލިބޭ އިސްމާއީލް ރަޝީދުގެ ގެ ބަލާ ފާސްކުރި ފުލުސް މީހާ އާއި ދައުވާ ލިބޭ ހުސައިން ޒިޔާދުގެ ގެ ބަލާ ފާސްކުރި ފުލުސް މީހާގެ ހެކިބަސް ނަގާފައިވެއެވެ.

އެދުވަހުގެ ޝަރީއަތުގައި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވަކީލުންގެ މަޝްވަރާއާއެކު އެކުލަވާލާފައިވެއެވެ. އެގޮތުން، ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ ކުރީ ކޮޅު ދިފާއުގެ ޝަފަވީ ހެކިންގެ ހެކިބަށް ނެގުމަށްފަހު، ޖެނުއަރީ 7 ގައި ކިތާބީ ހެކިތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ތާވަލު ކުރަން ނިންމާފައިވެއެވެ. އަދި ޖެނުއަރީ 15 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުމަށާއި، މައްސަލައިގެ ހުކުމް ކުރުން ޖެނުއަރީ 30 ވަނަ ދުވަހަށް ތާވަލު ކޮށްފައިވެއެވެ.

ޔާމީންގެ މައްސަލާގައި ޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި، މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ. މި ހަ މީހުންގެ ތެރެއިން ހައިޝަމާއި ޒިހާން އަކީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ހިންގާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. ދެން މި މައްސަލާގައި ޝާމިލްވާ މީހާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރި ކަމުގެ ދައުވާއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއް ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށްވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވާއިރު، އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ވަނީ ދީފައެވެ.