ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ރައުދާ އާތިފްގެ މަރާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުމެއް ވާ ކަމުގެ ތުހުމަތު ރައުދާގެ ބައްޕަ، ޑރ. މުހައްމަދު އާތިފް ކޮށްފިއެވެ.

ރައުދާގެ މަރާ ގުޅިގެން ބަންގުލަދޭޝްގެ ޕޮލިސް ބިއުރޯ އޮޕް އިންވެސްޓިގޭޝަން (ޕީބީއައި) އަދި ރާއްޖޭގެ ފުލުހުންނާއި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ވެސް ވަނީ މައްސަލަ ތަހުގީގު ކޮށްފައެވެ. ނަމަވެސް، ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް މި ތަހުގީގުތަކުން ނިންމާފައިި ވާއިރު، ރައުދާގެ ބައްޕަ ދަނީ ތަކުރާރުކޮށް އެކަމަށް އިންކާރުކޮށް، ތަހުގީގުތަކުގެ ނަތީޖާ ބަލައި ނުގަނެވޭ ކަމަށް ބުނަމުންނެވެ.

ރައުދާ މަރުވީ އަމިއްލައަށް ކަން ބަލައިނުގަނެ ޑރ. އާތިފް ދަނީ ތަކުރާރުކޮށް، އެއީ ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމަށް ބުނަމުންނެވެ. އެގޮތުން، ޑރ. އާތިފް އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ރައުދާގެ މަރާއި ޑރ. އަފްރާޝީމްގެ މަރާ ގުޅުމެއްވާ ކަމަށް ތުހުމަތު ކޮށްފައެވެ. އޭނާ ބުނީ، ފިރިހެން ކުއްޖަކަށްޓަކައި ރައުދާ އަމިއްލައަށް މަރުވާންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ރައުދާ ދެރަވެފައި ހުއްޓާ އޭނާއަށް ފެނިފައި ވަނީ އެންމެ ފަހަރަކު ކަމަށާއި، އެއީ ރައުދާ ސެނެހިޔާ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އޭރު ރައުދާ ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ހުރިހާ ތަފްސީލެއް އޭނާއަށް އެނގޭ ކަމަށް ބުނެފައި ކަމަށް ޑރ. އާތިފް ބުނެއެވެ. ނަމަވެސް އެ ތަފްސީލުތައް ހާމަކޮށްފިނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބުނެ ރައުދާ ވަނީ އައިޖީއެމްއެޗަށް އޭނާގެ ވަޒީފާ ބަދަލުކޮށްދިނުމަށް އެދިފައި ކަމަށް ރައުދާއާ ހަވާލާދީ ޑރ. އާތިފް ބުންޏެވެ.

ޕީބީއައިގެ ތަހުގީގުން ހާމަވާ ގޮތުގައި، ރައުދާ މަރުވެފައި ވަނީ ދަންޖެހިގެން ކަމަށާއި، އޭގެ ސަބަބަކަށް ވަނީ އޭނާ ރައްޓެހިވެގެން އުޅުނު މީހާއާ ވަކިވުމުން އެކަމުގެ ސަބަބުން ލިބުނު ހިތާމައިގައި ކަމަށް ޕީބީއައިގެ އިންވެސްޓިގޭޝަން އޮފިސަރު ސަބް އިންސްޕެކްޓަރު ސައިދުއް ރަހުމާން ވިދާޅުވެފައި ވެއެވެ. "ކަލޭ އަހަރެން މަރާލީ" ރައުދާ އޭނާ ރައްޓެހިވެގެން އުޅުނު މީހާ އަށް އޭނާ މަރުވުމުގެ އެއްގަޑި އިރު ކުރިން ވަޓްސްއެޕުން މެސެޖްކޮށްފައި ވާކަން ހާމަވާ ކަމަށް ޕީއައިބީގެ ރިޕޯޓުން ބުނެއެވެ. އަދި އޭނާގެ ވަޓްސްއެޕުގެ ކޯލް ލޮގްގައި އެންމެ ފަހު ކޯލަކަށް އޮތީ ރައުދާ ރައްޓެހިވި މީހާގެ ފޯން ކޯލެއް ކަމަށް ފައިނަލް ރިޕޯޓުގައި ބުނެފައިވެއެވެ.

ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، މާޗް 29، 2017 ގައެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކިއެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ކަށްވަޅުން ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދިއެވެ.

ރައުދާ ރައްޓެހިވެގެން އުޅުނު މީހާ އޭނާއަށް އޮޅުވާލިކަން ރައުދާއަށް އެނގިފައި ވަނީ، ރައުދާ މަރުވުމުގެ އެއް ރޭ ކުރިން އޭނާ އެފިރިހެން މީހާގެ އެފްބީ މެސެންޖާއަށް ވަދެ ބެލުމުން ކަމަށް ޕީބީއައި އޮފިޝަލުން ވަނީ ބުނެފައެވެ. މާޗް 28، 2017 ވަނަ ދުވަހުގެ ރޭ ނިދާ ބޭސް ކައިގެން މަރުވާން މަސައްކަތް ކުރި ކަމަށާއި، އޭނާއަށް އެ ކޮލެޖްގައި އެރޭ ފަރުވާ ދީފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މީދާ މަރާ ބޭސް ރައުދާގެ އެނދުމަތިން ފެނިފައިވާ އިރު، އޭނާ އެ ބޭނުންކޮށްފައި ނުވާ ކަމަށް ޕީބިއައި ރިޕޯޓުގައި ބުނެފައިވެއެވެ.