އުރަމަތީގެ ކެންސަރުގެ ނުރައްކާ ދެގުނަ ކުޑަކޮށްދޭ ބޭހުގެ އެދެވޭ އަސަރު، އެ ބޭސް ބޭނުންކުރުން ހުއްޓާލާ ފަހުންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރާ ކަމަށް ދިރާސާ ޓީމަކުން ބުނެފިއެވެ.

އެނަސްޓްރޮޒޯލްގެ ނަންދީފައިވާ މި ބޭހަކީ އުރަމަތީގެ ކެންސަރުގެ ނުރައްކާ އިތުރުކުރާ އޮސްޓްރޯޖެން ހޯމޯން އުފެއްދުމަށް އުރަސްއަޅާ ބޭހެކެވެ.

ކަންމިހެން އޮތް ނަމަވެސް، މި ބޭހަކީ ހަމައެކަނި އިއްދައިން ކެނޑިފައި ތިބޭ އަންހެނުންނަށް ދެވޭ ބޭހެކެވެ. ޅައުމުރުގެ އަންހެނުންގެ ހަށިގަނޑުގައި އޮސްޓްރޯޖެން އުފެއްދުން ހުއްޓުވޭކަށް ނޯވެއެވެ.

މިބޭސް މިހާތަނަށް ދީ އުޅެނީ އުރަމަތީގެ ކެންސަރު ޖެހިއްޖެކަން ކަށަވަރުވާ ހިސާބުން ކަމަށްވީ ނަމަވެސް، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ، ކެންސަރު ނުޖެހި މުޅިން އެބައްޔާ ދުރުކުރެވޭނެ މަގުކެއް ހޯދުމަށެވެ.

ޓެކްސަސްގައި ކުރިއަށްދިޔަ ބްރެސްޓް ކެންސާ ސިމްޕޯޒިއަމްގައި އާންމުކޮށް، ދަ ލޭންސެޓްގައި ޝައިއުކޮށްފައިވާ އެންމެ ފަހުގެ ހޯދުންތައް ދައްކާ ގޮތުން މި ބޭސް ބޭނުންކުރުން ހުއްޓާލާތާ 7 އަހަރު ފަހުންވެސް ބޭހުގެ އެދެވޭ އަސަރު، އެމީހެއްގެ ހަށިގަނޑަށް ކުރަމުންދެއެވެ.

ސިއްހަތާ ބެހޭ ތަޖުރިބާކާރުންވަނީ، އާއިލާގައި ކެންސަރުގެ ނުރައްކާ އޮވެ، އުރަމަތީގެ ކެންސަރަށް މަގުފަހިވުމުގެ ފުރުސަތު އޮތް، އިއްދައިން ކެނޑިފައި ތިބި އަންހެނުން މި ބޭސް ބޭނުން ކުރުމަށް ގޮވާލާފައެވެ. ނަމަވެސް މިކަން ކުރަންވާނީ ކަމާބެހޭ ސިއްހީ ތަޖުރިބާކާރުންނާ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުންނެވެ.