އަހަރެއް ނިމި، އާ އަހަރަކާ ކުރިމަތިލާން ވަގުތު ކުޑަތަންވަމުން ދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އާދަޔާ ހިލާފު ތަފާތު އެކި ޒާތުގެ ޚަބަރުތައް ފެންމަތިވެއެވެ. އެގޮތުން ދާދިފަހުން މީޑިއާގެ ފަލަ ސުރުހީއިން ޖާގަ ހޯދި އެއް ޚަބަރަކީ، ދުނިޔޭގެ އެންމެ ފުރަތަމަ 'ކަނޑު ގަބުރުސްތާނު'، އަވަށްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހުޅުވި ޚަބަރެވެ.

އަދާ ޖެހެންދެކަށްވެސް މުޅިންވެސް އިވެނީ މި ފަނާވަނިވި ދުނިޔެއާއި ވަކިވެގެންދާ އިންސާނުންނަށް ހާއްސަކޮށްގެން އެކި ފެންވަރުގެ، އެކި ޒާތުގެ ގަބުރުސްތާނުތައް އަޅާ ވާހަކައެވެ. ކަންމިހެން އޮތްއިރު، މިއީ ކަނޑުގެ ދިރުންތަކަށް ހާއްސަކޮށްގެން ގަބުރުސްތާނެއް ހުޅުވި ވާހަކަ އަޑުއެހި ފުރަތަމަ ފަހަރެވެ.

އިންސާނީ ހަލާރާތުގެ ތާރީހަށް ބަލާއިރު ކަނޑުގެ ދިރުންތަކަކީ އެ ނާޒުކު ދިރުންތަކަށް އިންސާނުންގެ ފަރާތުން މާ ބޮޑު އަޅާލުމެއް ލިބިފައި ނުވާ ދިރުންތަކެކެވެ. ނަތީޖާއަކަށް ވެފައިވަނީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ މޫސުމީ ނޭދެވޭ އަސަރުތަކުގެ އެންމެ ހިތި ރަހަ ތަޖުރިބާކުރަންޖެހުނު ދިރުންތަކަކަށް ކަނޑުގެ ދިރުންތައް ވެގެން ދިއުމެވެ.

ކަނޑުގެ ގަބުރުސްތާނެއް ހެދުމުގެ ފިކުރު އައީ މިހާ ހިސާބުން ކަމަށްވެއެވެ. ތިމާވެށީގެ ގުދުރަތީ ދިރުންތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ގުރޫޕުތަކެއް އެކުވެގެން ކަނޑުގެ ގަބުރުސްތާނެއް ހުޅުވަން ނިންމި އެންމެ މައިގަނޑު ސަބަބަކީވެސް ކަނޑުގެ ދިރުންތައް ނެތިދާ ދިއުން ހަނދާންކޮށްދިނުމެވެ.

ބޭޕޯރު ބީޗުގައި އަޅާފައިވާ މި ގަބުރުސްތާނުގައި މިހާރުވެސް ފެންނަން ހުރި ބައެއް ދިރުންތަކުގެ ތެރޭގައި ސީހޯސް، ޕެރަޓްފިޝް، ހެމާހެޑްޝާކް، ލެދާބެކް ޓާޓްލް، އީގަލް ރޭ އަދި ޒީބްރާ ޝަކް ފަދަ ނެތި ދިއުމުގެ ބިރުވެރިކަން އިންތިހާއަށް ކުރިމަތިވެފައިވާ މަސްމަހާމެހީގެ ބާވަތްތައް ހިމެނެއެވެ.

އަވަށްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހުޅުވި ދުނިޔޭގެ ފުރަތަމަ 'ކަނޑު ގަބުރުސްތާނު'/ފޮޓޯ: ވައިސް

މި ގަބުރުސްތާނުން ފެންނަނީ ހަމައެކަނި މަހާނަ ގަލެއް ނޫނެވެ. ޕްލާސްޓިކް ފުޅި އަޅާ ފުރިފައިވާ ކޮށިތަކެއްވެސް މި ގަބުރުސްތާނުގައިވަނީ ޖަހާފައެވެ. އެއީ އެއްފަހަރު ބޭނުންކޮށްފައިވާ އެއްލާލާ ޕްލާސްޓިކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރިމަތިލާންޖެހިފައިވާ އިތުރު ނުރައްކާތެރިކަން އަންގައިދިނުމަށް ކޮށްފައިވާ ކަމެކެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް އުކާލާ ކުރީގެ ތެރެއިން 6.4 ޓަނުގެ ކުނި އުކާލަނީ ކަނޑުގެ ސަރަހައްދަށެވެ. އަދި މީގެ 50 ޕަސެންޓްއަކީ ޕްލާސްޓިކްގެ ބާވަތްތަކެވެ.

ދުނިޔޭގެ ފުރަތަމަ ކަނޑު ގަބުރުސްތާނު މަޝްރޫއަކީ މަޝްހޫރު ކްލައިމެޓް އެކްޓިވިސްޓް އާކާޝް ރާނީސަންގެ މޭސްތިރިކަމުގެ ދަށުން ކޮޒިކޯދޭ ޑިސްޓްރިކްޓްގެ އިދާރީ ދާއިރާއާއި ޖެލީފިޝް ވޯޓާސްޕޯޓްސް ގުޅިގެން ހިންގާ މަޝްރޫއެކެވެ.