އެމްޓީސީސީން ސިނަމާލެ ބްރިޖުގައި މާލެއާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރުމަށް ހަމަޖައްސާފައިވާ ބަސް ތަކުގައި ކެމެރާ ހަރުކުރުމަށް ބޭރުގެ ކުންފުނި ތަކުން ބިޑް ކޮަށްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ މިކަމަށް ހުޅުވާލި ފުރުސަތުގައި ދިވެހި ކުންފުނިތަކުން ކުރިމަތި ނުލި ކަމަށެވެ. ކުރިމަތިލާފައި ވާ ކުންފުނިތަކަށް އެ މަގު ފަހިކޮށް ފުރުސަތުދީފައި ވާނޭ ކަމަވެސް މައުލޫމާތުދީފައި ވެއެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ވާ ގޮތުގައި އިސްކަން ދެވޭނީ ދިވެހި ކުންފުނި ތަކަށެވެ. މި ގަވައިދުގައި ވާ އުސޫލުގެ ދަށުން ބީލަމުގައި ބައިވެރިވާ(ބީލަންވެރިން) ގެ ތެރެއިން ދައުލަތުގެ ފައިސާ ހަރަދު ކުރެވޭނީ އިގްސާދީ ގޮތުން އެންމެ ފައިދާ ހުރި ގޮތެއްގައި ކަމަށާއި ބައިވެރިވާ ފަރާތްތަކާ މެދުގައި ހަމަހަމަ ކަމާއި އިތުބާރާއެކު ތަފާތު ކުރުމެއް ނެތި، އަމިއްލަ ފާރާތްތަކުގެ ބައިވެރިވުން އިތުރު ކުރުން ހިމެނެއެވެ.
ކަން މިހެން އޮތް އިރު ހިތާމަ އަކީ އަނެއްކާވެސް މިފަދަ މަޝްރޫއެއް ހަވާލުކުރަން މި އުޅެނީ ބޭރުގެ ކުންފުންޏަކަށް ވުމެވެ.
ބަސްތަކުގައި ކެމެރާ ހަރުކުރުމަށް ޖުމްލަ 9 ކުނަފުންޏަކުން ހުށަހަޅާފައި ވާއިރު މީގެ ތެރޭގައި ހުރީ ބޭރުގެ ބޮޑެތި ކުންފުނިތަކެވެ. މިކަމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މި ކަމަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި މި ކުންފުނި ތަކުން ވެސް ފާހަގަ ކޮށްލެވޭ ދެ ކުންފުންޏަކީ "ހަރީ އެންޑް ކޯ އިންޓަނޭޝަނަލް" އާއި "މޯހަން މުތާ(އެމްއެމް)" އެވެ. ކުކުޅު ބިހާއި ތަރުކާރީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ދެ ކުންފުނި ކަމަށް ބުނެ މިކަން ހުއްޓުވުމަށް އާންމުން އަންނަނީ ގޮވާލަމުންނެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އިންޑިއާގެ އެމްއެމް އެކްސްޕޯޓަކީ މިފަހުން ހަވާލުކުރި އެމްބިއުލާންސް ޕްރޮޖެކްޓް ދިނުމުގެ މަސައްކަތް ވެސް ކޮށްފައި ވާ ބައެއް ކަމެވެ. އަދި އެ ކުންފުންޏަށް ދިނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ބުނެ ޝައްކު ކުރަމުން ދާއިރު، އެ ބިޑްގައި ވާދަކުރި އޭޑީކޭއިން ވަނީ އެ މައްސަލަ އޭސީސީއަށްވެސް ހުށަހަޅާފައެވެ. އެގޮތުން، އޭޑީކޭއިން އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ، އެމްއެމް އެކްސްޕޯޓްސް އަށް މަސައްކަތް ހަވާލުކުރީ އެންމެ ބޮޑު އަގު އެމްއެމްއެކްސްޕޯޓުން ހުށަހަޅާފައި ވަނިކޮށް ކަމަށް ބުނެއެވެ.
"ދަޕްރެސް" އަށް ލިބިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި، އެމްބިއުލާންސް ގެނައުމަށް އޭޑީކޭން 7.9 މިލިއަން ހުށަހަޅާފައި އޮއްވާ އެމްއެމް އެކްސްޕޯޓަށް ދިނީ 8.7 މިލިއަން ރުފިޔާއަށެވެ. އަދި އެމްއޯ ޓްރޭޑިން ކިޔާ ކުންފުންޏަކުން ހުށަހަޅާފައި އޮތް އަގު ވެސް އެމްއެމް އެކްސްޕޯޓަށް ވުރެ ކުޑައެވެ.
އިންޑިއާގެ އެމްއެމް އެކްސްޕޯޓްސް އިން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް އިމާރާތްކުރި ރަށު މާރުކޭޓާއި ދެވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ހިމެނެއެވެ. ނަމަވެސް އެ މަޝްރޫއުތަކުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް ބައެއް މައްސަލަތައް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.