ދިވެހި އަންހެނަކާއި އޭނާގެ އިންޑިއާ ފިރިމީހާ އަދި އަންހެން ދަރިފުޅަށް، ބެންގަލޫރުގެ ކުރޮޅި އެއްގައި ބެހެއްޓިފައި ހުރި ފައިސާ ޑްރައިވަރެއްގެ އަމާނާތްތެރިކަމާ އެކު އެމީހުންނާއި ހަވާލު ކޮށްދީފިއެވެ.

ބަންގާޅުގައި އޮޓޯ (ކުރޮޅި) ދުއްވަން އުޅޭ މީހެއް ކަމަށްވާ ރަމޭޝްބާބޫ ނަޔަކު ނަމަކަށް ކިޔާ މި ޑްރައިވަރު ވަނީ، އެ އާއިލާއަށް ހަނދާން ނެތިގެން އޮޓޯގައި ބެހެއްޓުނު ގިނަ އަދަދެއްގެ ފައިސާ ފުލުހުންނާ ހަވާލުކޮށްފައެވެ.

ބެންގަލޫރުގެ ޕޮލިސް ކޮމިޝަނަރު ބާސްކަރު ރާއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އޮޓޯގައި ބެހެއްޓިފައި ހުރި ފައިސާ 150،000 ރުޕީސް އާއި 12،000 ޑޮލަރު ލާފައި އޮތީ ދަބަހަކަށް ކަމަށެވެ. މިއީ ދިވެހި ރުފިޔާއިން ނަމަ 2 ލައްކައާ ގާތްކުރާ އަދަދެއްގެ ފައިސާއެވެ.

ދިވެހި އަނަހެނަކާއި ކައިވެނި ކޮށްގެން އުޅޭ އިންޑިއާ މީހާގެ އާއިލާއަށް ފުލުހުން ވަނީ އެ ފައިސާ ރައްދުކޮށްދީ ޑްރައިވަރުގެ އެ ތެދުވެރިކަމާއި އަމާނާތްތެރި ކަމުގެ އަގު ވަޒަންކޮށްފައެވެ. ދިވެހި އަންހެން މީހާއާ އިނދެގެން އުޅޭ އިންޑިއާ މީހާ އަކީ، ޏ. ފުވައްމުލަކުގައި މަސައްކަތް ކުރާ ޑރ. ބަޝާރު (ބާސްކަރު) އެވެ.

އެ ޑްރައިވަރުގެ ތެދުވެރި ކަމަށް ގިނަ ބަޔަކު މިއަދު ދަނީ ތައުރީފު ކުރަމުންނެވެ.