ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) ގެ ހާއްސަ ރަން މެޑަލް ކަމަށްވާ "ޑިސްޓިންގްއިޝް ސާވިސް އެވޯޑް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ވަނީ ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތްތަކުން މި އަހަރު ކާމިޔާބު ހޯދި އެތުލީޓުންނަށް މަރުހަބާ ވިދާޅުވެ ބޮޑީބިލްޑަރުންނަށް ހުރި ދަތިތައް އޮޅުންފިލުވައި މި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރައީސަށް މި ރަން މެޑަލް އެރުވީ ދެކުނު އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ނައިބުގެ މަގާމާއި އޭޝިއާގެ ފެޑެރޭޝަނުގެ އެގްޒެކްޓިވް ނައިބުގެ މަގާމުގެ އިތުރުން ދުނިޔޭގެ ފެޑެރޭޝަނުގެ ޓެކްނިކަލް ކޮމިޓީގައި މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދުއެވެ.

ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަނުގެ ފަރާތުން އެ ކުޅިވަރު އެކި ގައުމުތަކުގައި ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އެވޯޑެއް އަރުވައެވެ. ޑިސްޓިންގްއިޝް ސާވިސް އެވޯޑް އަކީ ވެސް ބޮޑީބިލްޑިން ކުރިއަަރުވަން ކުރާ މަސައްކަތުގެ އަގުޒަވަންކުރުމުގެ ގޮތުން އަރުވާ ހާއްސަ އެވޯޑެކެވެ.

މި ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން ބޮޑީބިލްޑަރުންނާއި ބޮޑީބިލްޑިން އެސޯސިއޭޝަނުގެ ނައިބު ރައީސް އަދި ދެކުނު އޭޝިއާގެ ފެޑެރޭޝަނުގެ އެގްޒެކްޓިވް މެމްބަރު އަލީ ރިފާއު ވެސް ބައިވެރިވެވަޑައިގަތެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް ކުޅިވަރުން މިހާތަނަށް ލިބިގެންދިޔަ ޝަރަފުވެރި ކާމިޔާބީގެ ލިސްޓުގައި ބޮޑީބިލްޑިން ކުރީގައި އޮތް އިރު އޭޝިއާގެ މުބާރާތުން ރާއްޖެ އަށް ބޮޑީބިލްޑިން އިން ވަނީ މިހާތަނަށް ތިން މެޑަލް ލިބިފައެވެ.

އަންނަ އަހަރު ބާއްވާ 54 ވަނަ "އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް" އޮންނާނީ ރާއްޖޭގައެވެ. މިއީ އޭޝިއާގެ ބޮޑު ބޮޑީބިލްޑިން މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އެ މުބާރާތް ބާއްވަން ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން ނިންމާފައިވަނީ ކ. މާފުށީގައެވެ.