ބިދޭސީއެއްގެ އަތުން 500 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:11 ހާއިރު ބޮޑުތަކުރުފާނު މަގު "މެމޮރީ ހޮޓާ" ކައިރިން ބިދޭސީއެއްގެ އަތުން 500 ރުފިޔާ ފޭރިގެން ދިޔަ މީހަކު، ފިޔާތޮށިމަގު ޒިޔާރަތް މިސްކިތް ކައިރިން ފުލުހުން ހިފަހައްޓާފައި ވާ ކަމަށެވެ.

އަދި ހިފަހައްޓަން އުޅުމުގެ ތެރޭގައި ފޭރުނު ކަމަށް ބެލެވޭ 500 ރުފިޔާ ވަނީ ބިންމައްޗަށް ވައްޓާލާފައި ކަމަށާ ނަމަވެސް މިހާރު އެ ފައިސާ ވަނީ ވެރިފަރާތާ ހަވާލު ކުރެވިފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވާ ކަމަށައި މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށްވެސް މައުލޫމާތު ދެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި ފޭރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެގޮތުން، މިމަހުގެ 3 ވަނަ ދުވަހު މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ އަތުން ފޯނަކާ 2،800 ޑޮލަރު ވަނީ ފޭރި ގަނެފައެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ މަނީ އެކްސްޗޭންޖު ގެ ބިއްލޫރިގަނޑުވެސް ވަނީ ތަޅާލައިފައެވެ.

އަދި އޮގަސްޓް މަހު 16 ވަނަ ދުވަހު ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން އެ ފިހާރައިން ވައްކަން ކުރަން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، 4 މީހަކު ދުވެފައި ދަނިކޮށް، ފެނިގެން އެމީހުން ފަހަތުން ގޮސް ހުއްޓުވާފައިވާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.