ޓައިމް މެގަޒިންއިން ހޮވާ އަހަރުގެ ޝަހްސިއްޔަތުގެ ޓައިޓްލް، ސްވީޑްންގެ ޒުވާން ކްލައިމެޓް އެކްޓިވިސްޓް ގްރިއެތާ ޓުންބޭއި ހޯދުމާއެކު އެކަމަށް ފުރައްސާރަކޮށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޖެއްސެލެވި ހަޖުލަށް އޭނާގެ ޓްވިޓާ ބަޔޯގައި ވަރުގަދަ ރައްދެއް ދީފިއެވެ.

ގްރިއެތާ އަކީ ރުޅިކޮންޓްރޯލް ކުރުމުގައި މައްސަލަ އުޅޭ އެކްޓިވިސްޓެއް ކަމަށާ، އެކަން ރަނގަޅުކުރުމަށްފަހު އޭނާއަށް އެންމެ ރަނގަޅުވާނީ ރަހުމަތްތެރިއަކާއެކު ކުރީ ޒަމާނުގެ ފިލްމެއް ބަލާލަން ދިއުން ކަމަށް ވިދާޅުވެ ޓްރަމްޕް ޓްވީޓް ކުރެއްވީ ޓައިމް މެގަޒިންގެ ޓައިޓްލް އިއުލާން ކުރުމާއެކުގައެވެ.

މިއަށް ރައްދު ދެމުން އުމުރުން އެންމެ 16 އަހަރުގެ ގްރިއެތާ އޭނާގެ ޓްވިޓާ ހޭންޑްލްގެ ވަނަވަރު ބަދަލު ކުރަމުން ލިޔުނީ "އޭނާއަކީ ރުޅިކޮންޓްރޯލް ކުރުމުގެ މައްސަލައެއް އުޅޭތީ އެކަން ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނަ ފުރާވަރު އުމުރުގެ ކުއްޖެއް ކަމަށާ މިވަގުތު އޭނާ ދަނީ ރަހުމަތްތެރިއަކާއެކު ކުރީގެ ޒަމާނުގެ ފިލްމެއް ބަލާލައިގެން ނުތަނަވަސްކަން ފިލުވާލަމުން" ކަމަށެވެ.

މިއީ މިފަދަ ކަމެއް ގްރިއެތާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ބްރެޒީލްގެ ރައީސްއާއި ރަޝިޔާގެ ރައީސް ފާޑިވިދާޅުވުންތަކަށްވެސް ގްރެއިތާ މީގެ ކުރިންވަނީ ސޯޝަލް މީޑިއާގައި ރައްދުދީފައެވެ. މީގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ޓްރަމްޕްއާއި ގްރިއެތާގެ މިފަދަ ކޯޅުމެއް ޓްވިޓާއިންވަނީ ފެނިގެން ގޮސްފައެވެ.

ގްރިއެތާއާއި ޓްރަމްޕްގެ ސޯޝަލް މީޑިއާ ހަނގުރާމައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަނީ ޓްރަމްޕްއަށެވެ. އެގޮތުން ޓްރަމްޕް އެގެންދަވަނީ، އުމުރުން އެންމެ 16 އަހަރުގެ ކުއްޖަކަށް ފުރައްސާރަކުރައްވަމުން ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. ކަންމިހެން އޮތްއިރު، ގްރިއެތާވެސް އުޅެނީ އޭނާގެ އުމުރަށްވުރެ ދޮށީކޮށް 'ފޭމް' ހޯދުމަށް ކަމަށް ބުނެ ގްރިއެތާއަށް ފާޑުކިއާ ފަރާތްތައްވެސް މަދެއް ނޫނެވެ.