ހިނގަމުން މިދާ 2019 އަހަރަށް އަލްވަދާއު ކިއުމަށް 3 ހަފުތާއެއްހާ ދުވަހަށް ވެފައިވާއިރު، މުޅި އަހަރު ދުވަހުގެ ތެރޭގައިވެސް އެމެރިކާގެ ރައްޔިތުން އެ މަންޒިލަކަށް ދަތުރުކުރަން ބޭނުންވެގެން އެންމެ ގިނައިން ގޫގްލް ސާޗް ކުރި މަންޒިލަކީ ދިވެހިރާއްޖެކަން، ގޫގްލްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އަހަރު ދުވަހުގެ ތެރޭގައި ގޫގްލްގެ ކަސްޓަމަރުން ސާޗްކޮށްފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ގޫގްލް ކުންފުނިން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދަތުރުދާން ބޭނުންވެގެން އެމެރިކާއިން އެންމެ ގިނަ މީހުން ސާޗްކުރި މަންޒިލަކަށް ދިވެހިރާއްޖެ ވެފައިވަނީ ފަރަންސޭސިވިލާތުގެ ޕެރިސް ފަދަ ބޮޑެތި މަންޒިލްތައް ފަހަށް ޖައްސާލުމަށް ފަހުގައިކަން ފާހަގަކުރަންޖެހެއެވެ.

އެމެރިކާގެ މީހުން އެންމެ ދަތުރުކުރަން ބޭނުން މަންޒިލްތަކުގެ ސާޗް ލިސްޓުގެ ގަދަ 10ގެ އެންމެ ކުރިން ރާއްޖެ ޖާގަ ހޯދާފައިވާއިރު، މި ލިސްޓުގައި ދެކުނު އޭޝިއާގެ އެހެން އެއްވެސް މަންޒިލެއް ނެތެވެ.

ރާއްޖެއާއި އެންމެ ގާތުން މި ލިސްޓުގައި ވާދަ ކޮށްފައިވަނީ، ޖަޕާންއެވެ. ދެން ބޯރާ ބޯރާއާއި ވޭގަސް އަދި މެކްސިކޯއެވެ.

ދިވެހިރާއްޖެ - ފޮޓޯ:އަންސްޕްލޭޝް

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ދެކުނު އޭޝިއާގެ މަންޒިލްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ދަތުރުދާންވެގެން ގޫގްލް ސާޗް އިންޖިން މެދުވެރިކޮށް ބަލާފައިވަނީ އިންޑިއާއެވެ. މި ލިސްޓުގައި ސްރީލަންކާ ވައްޓާލުމަށްފަހު ރާއްޖެއަށް ލިބެނީ 2 ވަނައެވެ.

މިއީ ދިވެހިންނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު، ދިވެހިރާއްޖެއަކީ އޮންނަ ގައުމެއްކަންވެސް ނުދަން މީހުންގެ އަދަދު، ރާއްޖޭގެ އާބާދީގެ އެތައް ގުނައަކަށް އަރައެވެ.

މިއަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހި ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އަދުގެ ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރި އަހަރެއްކަން ފާހަގަކުރަންޖެހެއެވެ.