ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ފަރުމާކުރުމަށް ހަމަޖެހިފައިވާ "މެރިން ސްޕާޝަލް ޕްލޭން" އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފައި ވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ ކަނޑުގެ މާހައުލުތައް ރައްކާތެރިކުރުމާއިއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިގްތިސޯދުގެ ފައިދާ އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލު ވުމަކީ "މެރިން ސްޕޭޝަލް ޕްލޭން" ތައް ފަރުމާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ބައިނަލްއަގްވާމީ ޖަމިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއި ދިވެހި ސަރުކާރު ގުޅިގެންގެން ރާއްޖޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ފެށުމުގެ ގޮތުން ފެށި ބައްދަލުވުން ތަކެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ތަފްސީލީ މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ދެމެދު، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި އދ ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި އެއްބަސްވުމެއްގައި ވަނީ ސޮއި ކުރެވިފައި ކަމަށައި މިމަސައްކަތުގައި ދިވެހިސަރުކާރުގެ ފަރާތުން ފޯކަލްޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ކަމަށްވެސް އެ މިނިސްްޓްރީން ބުނެއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ފަރުމާކުރުމަށް ހަމަޖެހިފައިވާ ސްޕާޝަލް ޕްލޭން އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މި ބައްދަލުވުމަކީ މިއަދުން ފެށިގެން ޑިސެންބަރު 17 އާއި ހަމައަށް ކުރިއަށްދާ މިބައްދަލުވުންތަކެއް ކަމަށައި މިކަމާގުޅުންހުރި އިދާރާތަކާއި، ތިމާވެށީގެ ރޮނގުން މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކާ މަޝްވަރާކުރުމަށް ހަމަޖެހިފައި ވާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މަޝްވަރާ ބައްދަލުވުމުގެ މަގްސަދަކީ ދިވެހިރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތު ނެގުމުގައި ރާއްޖެއަށް ބޭނުންތެރިގޮތަކަށް މި ޕްރޮގްރާމްގެ ދަށުން ހިނގާ ސައިންޓިފިކް މަސައްކަތްތައް ފަރުމާކުރުން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި، ސައިންޓިފިކް މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ މެރިން ސްޕޭޝަލް ޕްލޭން ވެގެން ދާނީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބޭނުންކުރެވޭ މުހިންމު ޕްލޭނަކަށް ކަމަށާއި މި ސްޕޭޝަލް ޕްލޭންގެ އަލީގައި ރާއްޖޭގައި އެކުލެވޭ މުހިންމު މާހައުލުތަކާގުޅޭ މައުލޫމާތު ލިބިގެން ދާނޭ ކަމަށާއި ހިމާޔަތް ކުރުމަށް ހާއްސަ ސަރަހައްދުތައް ދެނެގަނެވިގެން ދާނެ ކަމަށެވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މުޅި ރާއްޖެ ތަމްސީލުވާގޮތަށް ރާއްޖޭގެ ފަރުތައް ސާވޭ ކުރުމަށް އަންނަ އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީގައި މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ވާ ކަމަށާއި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ރާއްޖޭގައި ކުރެވޭ ފުރަތަމަ ފުން ކަނޑުތަކުގެ ދިރުންތަކާގުޅޭ ސާވޭ ކުރުމަށް ރޭވެމުން ދާ ކަމަށްވެސް އެ މިނިްސަޓްރީން މައުލޫމާތުދެއެވެ.

އެ މިނިސްޓްރީން ބުނީ މި ކޯލިޝަންގެ ސަބަބުން ރާއްޖޭގައި "މެރިން ސްޕޭޝަލް ޕްލޭން" އެއް އެކުލަވާލުމުގެ އިތުރުން، ރާއްޖޭގައި މެރިން ސައިންޓިފިކް ރިސާރޗްގެ ދާއިރާ ފުޅާވެ، މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުވެގެން ދާނެ ކަމަށެވެ.

"ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއަކީ" އެކެޑެމިކް އިންސްޓިޓިއުޝަންތަކާއި، ފައުންޑޭޝަންތަކާއި އެހެން ޖަމިއްޔާތައް ގުޅިގެން، އެއްބާރުލުންދޭ ގައުމުތަކާއިއެކު މެރިން ސްޕޭޝަލް ޕްލޭންތައް އެކުލަވާލުމަށާއި، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި މުހިންމު މާހައުލުތައް ހިމާޔަތްކުރުމާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތަކުގެ މާހައުލަށް ބަރޯސާވާ އިގްތިސޯދީ މަސައްކަތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މިކޯލިޝަންގައި ބައިވެރިންގެ ތެރޭގައި ވެއިޓް އިންސްޓިޓިއުޓާއި، ވެއިޓް ފައުންޑޭޝަން އަދި ސްކްރިޕްސް އިންޓިޓިއުޓް އޮފް އޯޝަނޯގްރަފީ، ނެކްޓަން ޑީޕް އޯޝަން އެކްސްޕްލޮރޭޝަން، ނެޝަނަލް ޖިއޯގްރަފިކް ގެ ޕްރިސްޓީން ސީސް ގެ އިތުރުންވެސް މި ދާއިރާއިން މަސައްކަތްކުރާ ތަފާތު ޖަމާއަތްތައް ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

"މެރިން ސްޕޭޝަލް ޕްލޭނިން "އަކީ ކަނޑުތަކުގައި އެކުލެވޭ ގުދުރަތީ ވަސީލަތްތަކާއި، މި ވަސީލަތްތައް ބޭނުންކުރާ ގޮތްތަކަށް ރިއާޔަތްކޮށް، ކަނޑުތައް މެނޭޖްކުރުމަށް އެކުލަވާލެވޭ ތަފްސީލީ ޕްލޭނެކެވެ. މިފަދަ ޕްލޭންތަކަކީ ނޫ އިގްތިސޯދު ކުރިއެރުވުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތަކުވެ ވަސީލަތްތަކުން އިގްތިސޯދީ ފައިދާ ހޯދުމާއި ކަނޑުތައް ދުޅަހެޔޮގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް މުހިންމު މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި މުހިންމު މާހައުލީ ނިޒާމުތައް ދެނެގަތުމާއިއެކު، މިފަދަ ސަރަހައްދުތައް ހިމާޔަތްކުރުމަށްވެސް ސައިންސާއި، އިޖުތިމާއީ މައުލޫމާތުގެ އަލީގައި ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ޕްލޭންތަކެކެވެ.