ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށްޓަކައި މިއަދު ހުޅުވާލައިފިއެވެ.

އެޓާނީ ޖެނެރެލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބިލާމެދު އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައި މިވަނީ، ބިލުގެ ކޮމިޓީ މަރުހަލާ، މިއަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފެށުމުގެ ކުރިން، ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލު ހޯދައި، އެ ހިޔާލުތަކަށް ބިނާކޮށް، ބިލު މުރާޖާކޮށް، އިސްލާހު ކުރުމަށްޓަކާ ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ، މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގާނޫނެއް ނެތުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދައުވާތައް އަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދީ، ހަސްމުންނާމެދު ހަމަހަމަ އުސޫލަކުން އަމަލުކުރެވޭނެ އިޖުރާއަތުތަކެއް ކަނޑައަޅައިދޭ ބިލެކެވެ.

އަދި މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދާއި އުފެދިފައިވާ ހުޞޫމާތުގެ ކުޑަބޮޑުމިނަށާއި، ހަސްމުންގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުސޫލުތަކެއް ކަނޑައަޅައިދީ، އަދި ތަހުޒީބީ މުޖުތަމަޢުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ބައްޓަންކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން، 7 ޑިސެމްބަރު 2019 ގައި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 77 ވަނަ ޖަލްސާގައި އިއްވާފައި ވާ އިރު މި ބިލުން ހުށަހަޅާ މައިގަނޑު ކަންކަމުގެ ތެރޭގާ:

  • ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އަދި މިނޫންވެސް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނެ ގޮތާއި، ދައުވާއަށް ރައްދުދެވޭނެ ގޮތްތަކާއި، ދައުވާއެއް އިސްލާހުކުރާނެ ގޮތް ބަޔާންކުރުން
  • އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުން
  • ހަސްމުންނާގުޅޭ އުސޫލުތައް ކަނޑައެޅުން
  • މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން
  • ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން ޢަމަލުކުރަންޖެހޭ ގޮތާއި، އެގޮތުން މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދާއި އުފެދިފައިވާ ހުޞޫމާތުގެ ކުޑަބޮޑުމިނާއި މައްސަލައިގެ މުހިންމުކަމުގެ މައްޗަށް ބަލައި މައްސަލަތައް 3 ޓްރެކަކަށް ބަހާލައިގެން ކުރިއަށްގެންދާނެ އިޖުރާއަތު ކަނޑައެޅުމާއި، ވާގިއާތަކުގައި އިހްތިލާފެއްނުވާ މައްސަލަތަކުގައި ހާއްސަ އުސޫލަކުން މައްސަލައާމެދު ގޮތެއް ނިންމޭނެ ގޮތް ކަނޑައެޅުމާއި، ގައިރު ހާޒިރުގައި ހުކުމްކުރުމާއި ޝަރީއަތް ހިންގުމަކާ ނުލައި މައްސަލަތަކުގައި ހުކުމް ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުން
  • މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ހަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން
  • ޝަރީއަތާ ގުޅިގެން ހިނގާ ހަރަދު ޚަޞްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން
  • ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން
  • ހުކުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މައްސަލަ އިސްތިއުނާފުކުރުމާއި، ހާއްސަ ހާލަތްތަކުގައި މައްސަލަ މުރާޖައާކުރުމުގެ އުސޫލުތައް ބަޔާންކުރުން
  • ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން
  • ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ހުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހާލަތްތައް ކަނޑައެޅުން

އެ ބިލާ ގުޅޭގޮތުން ހިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ކުރިން އޭޖީ އޮފީހަށް އީ-މެއިލް ([email protected]) އަށް ހިޔާލު ފޮނުވުމަށް ވަނީ އެދިފައެވެ.