ވައްކަމުގެ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓައި ފިލި ދިވެއްސަކު ފުލުހުން ރޭ ހޯދައި އަލުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހާ އަލުން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އުތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުއްޓައި ފިލީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މީހާއަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަން މާލެ ފޮނުވުމަށް މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މީހާ ފިލާފައިވަނީ ކިހިނެތް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.