ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު މަގާމުކަމުން އަބްދުލްޣަނީ މުހައްމަދު ވަކި ކުރުމާއި ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން މިއަދު ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވުމާއި ގުޅިގެން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސްއަށް މަޝްވަރާދިނުމަށްޓަކައި، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަންޖެހޭ ޝަރުތުތައް:
- މުސްލިމަކަށް ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކަށް ވުން
- ބުއްދިހަމައަށް ހުރި މީހަކުކަމުގައި ވުން
- ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުންސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުން
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް، ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ވުން
- މީހަކަށް އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއް ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ މީހަކަށް ވުން
- އުމުރުން 30 އަހަރު ވެފައިވާ މީހަކަށް ވުން
- އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުން އަދި އެ ސެޓްފިކެޓަކީ ރާއްޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވުން
- ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ދެކަމުގައިވެސް މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުލްޣަނީ ވަކި ކޮށްފައިވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނެވި މައްސަލަތަކަކާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، އުއްތަމަ ފަނޑިޔާރު ކަމަށް މިދިޔަ އާދިއްތަ ދުވަހު އައްޔަން ކުރެއްވި މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.