ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުއްޖަކު ބަލިވެއިންކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެއިން ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަދުނާމުކޮށް، އެ ފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ބާވަތުގެ ކަންކަން ނުކުރުމަށްވެސް ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމަތުދޭ ގޮތުގައި އެ އިދާރާއަށް އެފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައި ނުވެއެވެ.

ހިޔާގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލިވެއިން މައްސަލަ ފެންމަތިވެފައި ވަނީ ޓްވިޓާ ތެރޭގައި އާންމުންގެ މީހަކު ކުރި ޓްވީޓަކާއި ގުޅިގެންނެވެ. އޭނާގެ ޓްވީޓްގައި ބުނެފައިވަނީ ހިޔާގައި ހުރި 13 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ރޭޕް ކުރުމުން ބަނޑުބޮޑުވެފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި ހުރިއިރު ބަނޑުބޮޑު ނޫން ކަމަށް ޓްވީޓްގައި ބުނެފައިވެއެވެ.