މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުން ހޯދުމުގައި ފުލުހުންނަށް ކުރިއެރުމެއް ލިބިފައި ނުވާ އިރު، މައްސަލާއާ ބެހޭގޮތުން ފުލުހުން ބުނާނެ ބަހެއް ވެސް ނެތެވެ.

އދ. މާމިގިލީ، ގާސިމް ހަސަން، 59، ގެ ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުންނެވެ. އެއީ، ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ. ގާސިމަށް ހަމަލާ ދީފައިވަނީ ގްރޫޕަކުން ކަމަށް ބުނާއިރު، ހަމަލާ ދީފައި ހުރީ ސީދާ އޭނާގެ ކަރަށް ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެއެވެ. ޒަހަމްތަކަކާއެކު ގާސިމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ހަފްތާއެއް ވެގެން ދިޔައިރުވެސް، ގާސިމްގެ މަރާ ގުޅޭގޮތުން ކުރިއެރުމެއް ލިބިފައި ނުވާ އިރު، ފުލުހުން އެންމެ ފަހުން ބުނެފައި ވަނީ، ނެގެން ހުރި ސީސީޓީވީ ފުޓޭޖްތައް ނަގައި އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ސީސީޓީވީ އެނަލައިޒް ކުރުމުގެ ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރިއެވެ.

މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން ހަރަކާތްތެރި ވަމުން ދާއިރު، މި އަމަލު ހިންގި ބަޔަކު ހޯދޭނެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ ފުލުހުންނާ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ.

ހުޅުމާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ގާސިމް ހަސަން

ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން އައި ގޮތުގައި 5656 ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރި ގާސިމް ރަހުމް ކުޑަ ގޮތަކަށް މަރާލާފައި ވަނީ، ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ގާސިމްގެ ރައްޓެއްސެއް ކަމަށްވާ އިސްމާއިލް ޝަރީފް 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން ބުނީ ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަތުން ގާސިމް ފައިސާތަކެއް ނަގާފައިވާ ކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ގާސިމަކީ އިރެއްގައި ފައިސާ ހޯދުމަށް އަބަދު ޓެކްސީއެއް ކުރަމުން ދިޔަ މީހެއް ކަމަށްވީ ނަމަވެސް ފަހުން އައިސް އޭނާ ޓެކްސީ ކުރަނީ މަދުން ކަމަށް ވެސް ޝަރީފް ބުންޏެވެ.

ވަރަށް ރަނގަޅު މީހެއް އެއީ. އަޅުގަނޑަށް އެނގެނީ އަޅުގަނޑާއި އޭނަ ދައްކާ ވާހަކަަތައް. އަޅުގަނޑަށް ވަރަށް ގިނަ އެއްޗެހި ކިޔާ ދޭނެ. އަޅުގަނޑުވެސް ދެކުނިން ފޭސްބުކުން ތި ބުނާ ވާހަކައެއް. އަޅުގަނޑު ދަންނަ ގާސިމަކީ ދަރަންޏެއް އޮންނަ މީހެއް ނޫން. މަރާލުމާއި ހަމައަށް ﷲ ގެ ރަހުމަތުން ގާސިމަކީ ވަރަށް ފުދިގެން އުޅޭ މީހެއް. މިހާރު ވަރަށް ޓެކްސީ ނުކުރާނެ، އުޅެނީ ވެހިކަލްގެ ސްޕެއާ ޕާޓްސް ކަހަލަ އެއްޗެހި ވިއްކަން
ޝަރީފް

ހެންވޭރު ކޭމާޓް ހޮޓަލުން އަބަދުވެސް ދިމާވެ ގާސިމްގެ އަމިއްލަ ދިރިއުޅުމުގެ ގިނަ ކަންކަން އެނގޭ ޝަރީފް ބުނީ އެ ދުވަހު ހަވީރު ގާސިމްއާ އެކުގައި ސައި ބޮއިގެން ނިކުތް އިރު ޝަރީފަށްވެސް އެއީ ގާސިމްއާ ބައްދަލުވާނެ އެންމެ ފަހު ފަހަރު ކަަން ނޭނގޭ ކަމަށެވެ.

ޒަމާންވީ ގާތް ރަހުމަތްތެރިޔާގެ ކުއްލި މަރާ އެކު ޝޮކެއް ލިބި، އެ ހާދިސާ ގަބޫލުކުރަން ދަތިވެފައި ހުރެ ޝަރީފު ބުނީ އޭނާއަށް ބަޔަކު އިންޒާރެއް ދިން ވާހަކައެއް ދުވަހަކުވެސް ބުނެފައި ނުވާ ކަމަށެވެ. އޭނާ ހުޅުމާލެއަށް ދަތުރު ނަގަން ދިއުމުގެ ކުރިންވެސް ކޭމާޓު ހޮޓަލުން ބައްދަލުވި ކަމަށާއި އެވަގުތުވެސް ވާހަކަ ދެއްކީ ވަރަށް ހިނިއައިސް ސަކަރާތް ޖަހާފައި ކަމަށް ގާސިމް އެކުވެރި ޝަރީފު ބުންޏެވެ.

ހުޅުމާލޭގައި މަރާލި ކާރު ޑްރައިވަރު ދުއްވި ޓެކްސީ

ގާސިމްގެ މަރާ ގުޅިގެން ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރި ގިނަ ބަޔަކު ބުނެފައި ވަނީ، އެ މަރުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިހުމާލު ވެސް އެބަ އޮތް ކަމަށެވެ. ހުޅުމާލެ އަނދިރިވުމާއި ކެމެރާ ނެތުމުގެ އިތުރުން ރައްކާތެރި މާހައުލެއް ގާއިމް ކޮށްދޭން އެދި އާއްމުން ކުރި ޝަކުވާތަކަށް އެޗްޑީސީން ފަރުވާ ކުޑަކޮށްފައިވާ ކަމަށް ވެސް އެ މީހުން ދެކެއެވެ. މިކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެފައިވަނީ، އެ ހާދިސާ ހިނގި ސަރަހައްދަކީ މީހުން ދިރިނޫޅޭ ސަރަހައްދެއް ކަމަށާއި މަގުތަކުގައި ލައިޓުތައް ހުރި ކަމުގައިވީ ނަމަވެސް އެއީ އަނދިރިކޮށް އޮންނަ ސަރަހައްދެއް ކަމަށެވެ.