ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ހަތަރު ޕާޓީގެ ލީޑަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އދ.ގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ކުރައްވާ ދަތުރުފުޅުން އެނބުރި ވަޑައިގެން ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އިންތިޒާމް ކުރައްވާނެއެވެ. އަދި އޮކްޓޯބަރު މަހު ކުރީކޮޅު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް އެބައްދަލުވުން މިއަދާ ހަމައަށްވެސް ބާއްވާފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު "ދަ ޕްރެސް" އަށް ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމެވި ލީޑަރުންގެ ބައްދަލުވުން ބޭއްވިފައިނުވަނީ ޝެޑިއުލް ހުރިގޮތުން ކަމަށެވެ. މަހަކު އެއް ފަހަރު ބާއްވަން ނިންމެވި ލީޑަރުންގެ ބައްދަލަވުން ނުބޭއްވި ދިޔަ ނަމަވެސް، ކޯލިޝަން ލީޑަރުންނާއި ވަކިވަކިން ރައީސްއާ ބައްދަލުވެ މަޝްވަރާތައް ކުރެއްވޭ ކަމަށެވެ.

"ވަރަށް އަވަސް ފުރުސަތެއްގައި ބައްދަލުވުމެއް ބާއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ،" ހޫދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ހޮޓެލް ޖެންގައި ރައީސް ސޯލިހާ ބައްދަލު ކުރައްވައި، ސަރުކާރަށް ލަފާ އެރުވުމާއި ގުޅިގެން ކުރިއަށް ދިޔުމަށް ކޮންމެ މަހަކު އެއް ފަހަރު ހުރިހާ ލީޑަރުން އެކުގައި ބައްދަލުވުމެއް ބާއްވަން ނިންމެވިއެވެ.

ނަމަވެސް އެ ނިންމުމާ އެއްގޮތަށް ބޭއްވީ އެންމެ ބައްދަލުވުމެކެވެ. އެމްޑީޕީގެ އޮފީހުގައި ބޭއްވި ލީޑަރުންގެ ބައްދަލުވުމުގައި ރައީސް ސޯލިހަށް ބައިވެރިވެވަޑައިނުގެންނެވެއެވެ. އެ ބައްދަލުވުމަށް ލީޑަރުން ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑިތައް ބަހާނެ ގޮތުގެ ބަހުސް ބޮޑުވެ، ލީޑަރުން އެއް މޭޒަށް ވަޑައިގެންނެވުން ހުއްޓާލެއްވިއެވެ.

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައިވަނީ އޭރުގެ މަޝްރަހު އޮތް ގޮތުން ލީޑަރުންގެ ބައްދަލުވުމެއް ބޭއްވިޔަސް އޭގެން ނަތީޖާއެއް ނުނުކުންނާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ފައިދާއެއް ނެތް ކަމެއް ކުރައްވަން އޭރު ބޭނުންފުޅުނުވީ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ރައީސް ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީޑަރުންނާއެކު ދެން ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެ ބައްދަލުވުން އަވަހަށް އޮންނާނެ ކަމަށް ވިދާޅުވެ ތާރީހެއް ވެސް ދެއްވިއެވެ. ނަމަވެސް ބައްދަލުވުން އެގޮތަށް ކުރިއަށް ނުދިޔައެވެ.