މާލޭ މަގުތަކުގައި ފެންބޮޑުވުމާއި، ދިމާވެފައިވާ ޓްރެފިކް މައްސަލަ ވެސް ސިޔާސީ ކޯޅުމަކަށް ބަދަލުވެއްޖެއެވެ.

މިއަދު ހެނދުނު މާލެއަށް އޮއްސާލި ބޯ ވާރެއާ އެކު މާލޭގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށް ދަތިވާ ވަރަށް ފެންބޮޑުވިއެވެ. ބޯކޮށްވާރޭ ވެހޭ ކޮންމެ ދުވަހަކީ ވެސް މިފަދައިން ފެންބޮޑުވެ، ފެން ހިއްކުމަށް ސިފައިން ހަރަކާތެރިވާ ދުވަހަކަށް ވާނެއެވެ. ނަމަވެސް، މާލޭގެ މަގުތަކަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަކީ ވެސް މިހާރު ސިޔާސީ ކޯޅުމެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވި ހަބަރާ އެކު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުކިއުން އަމާޒުވީ މާލެ ސިޓީ ކައުންސިލަށެވެ. އެގޮތުން، ޑރ. ޖަމީލް ވިދާޅުވީ ސަރުކާރަށް އަހަރެއްވެފައިވާއިރު ރައްޔިތުން އަތުން ނުނަގާ ޓެކުހެއް ނެތް ކަމަށެވެ. ނަމަވެސް، ވެރިރަށް މާލޭގެ މަގުތަކުގެ ހާލަތު އަދިވެސް އޮތީ ވަރަށް ދަށް ކޮށް ކަން ފާހަގަ ކުރައްވަމުން، ފެންބޮޑުވުން މިހާރު މައްސަލައަކަށް ނުވަނީތޯ ޑރ. ޖަމީލު ސުވާލު ކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލު ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލަ ބޮޑުވެ ކަންކަން ވަނީ ބޮއްސުންލާފައި ކަމަށެވެ. އަދި ކައުންސިލަށް ފުރިހަމަ ބާރު ލިބުނަސް، ސިޓީ ކައުންސިލް އޮތީ ހިނގައިގަންނަން ވެސް ނޭނގިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. ޖަމީލު ވަނީ ކައުންސިލުން ދަނީ ކައުންސިލް އިންތިހާބު ބޯމަތިވުމުން ބަހަނާތައް ދައްކައި ޕްލޭންތައް ކުރާ ކަމަށް ބުނެ، ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ.

މީގެ އިތުރުން ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލު ވެސް ވަނީ، ގަޑިއެއްގެއިރު މެދުނުކެނޑި ވާރޭވެހިއްޖެނަމަ، މުޅި މާލޭގައި ފެންބޮޑުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ވާރޭ ހުއްޓުމަށްފަހު ފެންގަނޑު ހިނދެން އެތައް އިރެއްނަގާ ކަމަށާއި މާލޭގަ ދިރިއުޅޭ ރައްޔިތުން މިކަމުން މިންޖުކޮށްދޭނީ ކޮންއިރަކުންތޯ ސުވާލު ކުރައްވާފައެވެ. އަދި މި ވެރިކަމަށް އަހަރެއްވެ، ހުރިހާ ބާރެއް ލިބިފައި އޮތް އިރު، އަދިވެސް މައްސަލަތައް ދިމާވުމުން ކުށްވެރި ވަނީ ކުރީ ސަރުކާރު ކަމަށް ހަލީލް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލަށް ފާޑިކިއުންތައް އަމާޒުވެފައިވާއިރު، ސިޓީ ކައުންސިލުގެ ދިފާއުގައި ތެދުވެ ވަޑައިގެންނެވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ. އިންތި ވިދާޅުވީ، މާލެ ސިޓީގެ ހުރިހާ ބާރުތަކެއް ނިގުޅައިގެންފައި ވަނީ ޑރ. ޖަމީލް ނިސްބަތްވި 'ގޮތް ކުޑަ' ވެރިކަމުގައި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންގިލާބީ ހެޔޮ ބަދަލެއް ލާމަރުކަޒީ ގާނޫނަށް ގެނެސްދެއްވާ، ކައުންސިލްތައް ބާރުވެރި ކުރުވާފައިވާ ކަން އިންތި ފާހަގަ ކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުގެ ދިފާއުގައިި އިންތި ތެދުވެ ވަޑައިގެންނެވިއިރު، އެ ކައުންސިލަށް ކަމެއް ނުވާ ކަމަށް ބުނެ އާންމުންގެ ފާޑުކިއުން ވެސް ވަނީ އެ ކައުންސިލަށް އަމާޒުވެފައެވެ.