މި ސަރަހައްދުގައި މަހުގެ ރަނގަޅު އަގު ކަނޑައެޅުމުގެ ބޭރު ދިވެހިންގެ އަތް މައްޗަށް ނަގަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތު ކުރިއަރަންވީ ވަރަށް ކުރި ނާރައި އޮތީ، ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކޮށްފައި ނެތުމުން ކަމަށެވެ. ދިވެހި މަސްވެރިކަމުގެ ބާވަތާއި ދިވެހިންގެ ތަޖުރިބާއަށް ބަލާއިރު، މިއަދު ދިވެހިން ތިބެން ޖެހޭނީ އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސް ބުނެވޭ ބައެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު މިވަނީ ވަކި ބަޔަކު ކަނޑައަޅާ ސިޔާސަތުތަކެއް ތަންފީޒު ކުރަން ޖެހިފައި ކަމަށެވެ. އެކަން ބަދަލު ކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރެވިގެން ކަަމާއި އެކަން އެމަނިކުފާނު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ރަނގަޅު އަގު ހޯދަން ބޭނުންނަމަ، މަހުގެ އަގާމެދު ބަސް ބުނުމުގެ ބާރު، އަޅުގަނޑުމެންގެ އަތްމައްޗަށް ނަގަންޖެހޭ، މިހާރު ކަން އޮތީ އެހެނެއް ނޫން، ދިވެހިން ބާނައި އެކްސްޕޯޓްކުރާ މަހަށް އަގު ކަނޑައެޅުމުގެ އިހުތިޔާރު މިހާރު އޮތީ، މަސް ގަންނަ ބޭރުގެ ކުންފުނިތަކުގެ އަތްމަތީގައި، މިއީވެސް ބަދަލުކުރެވޭނެ ކަމެއް، ދިވެހިންގެ ދޮށީގެ މަސްވެރިކަމަކީ، ބޮޑު އަގުގައި ވިއްކޭނެ އެއްޗެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި މަސްވެރިކަމަކީ އެތައް ސަތޭކަ އަހަރެއް ތަޖުރިބާކޮށްފައިވާ ދިވެހިންގެ އިގްތިސާދީ ތަރިކައެއް ކަމަށެވެ. ނަމަވެސް މިއަދުވެސް އަޅުގަނޑުމެން ދައްކަންޖެހިފައި މިވަނީ ރާއްޖޭގެ އިގްތިސާދަށް މަސްވެރިކަމުގެ ފައިދާ ފުރިހަމައަށް ނުލިބޭ ވާހަކަ ކަމަށެވެ.

"ދިވެހިން ބާނާ ކަޅުބިލަމަސް، ފިނިކުރި މަހުގެ ގޮތުގައި، 1970ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރަން ފަށައި، މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ހިސާބުން، ދިވެހި މަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި، ރާއްޖޭގައި އަލަށް ފަތުރުވެރިކަން ފެށުނީ ހަމަ އެދުވަސްވަރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޔަތް ކުރިނާރަން ދިމާވި އެއް ސަބަބަކީ އެސިނާއަތުގެ ތެރެއަށް ވަނުމަށް، އާންމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުސަތުތައް ފަހިކޮށްނުދީ ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިއުން ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ވިޔަފާރިވެރިންނަށް ކުރިން ދިންނަމަ މިއަދު މި ސިނާއަތް ފަތުރުވެރިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ތަރައްގީވެފައިވާތަން ދެކޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމުގެ މަގު އަމިއްލަ ވިޔަފާރިވެރިންނަށް ވީހާ ބޮޑަކަށް ހުޅުވައިލަދީ، އެކަމުގައި އެހީތެރިވުން ކަމަށެވެ. ސަރުކާރުގެ ދައުރަކަށް ވާނީ ސިޔާސަތުތައް ކަނޑައެޅުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ފެށުނުއިރު، މަސްވެރިކަމުގެ ސިނާއަތު އޮތީ މާ ރަނގަޅު ހާލަތެއްގައެއް ނޫން ކަމަށެވެ. އުތުރުގެ އަތޮޅުތަކުގައި ދޮށީގެ މަސްވެރިކަން ދިޔައީ ވަޅުޖެހެމުން ކަމަށާއި މަސްވެރިކަން ތިޔާގި މޫސުމުގައި މަސް ގަތުމުގެ ގާބިލުކަން މަސް ކުންފުނިތަކުގައި ނެތް ކަމަށެވެ. ފެނާއި ތެލާއި އައިސް ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަތުނަނުގައި ކުރާ ބޮޑު ކަންނެލީގެ މަސްވެރިކަންވެސް، ކުރިއަރައިގެން އައިއިރު، މި މަސްވެރިކަމަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވިފައެއް ނެތް، ބޮޑު ކަންނެލި ގަންނާނެ ކުންފުނިތަކެއްވެސް، އެކަށީގެންވާ އަދަދަކަށް ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިޔާސަތަށް ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުން ކަމަށެވެ. އެކަން ފުރިހަމަކުރުމުގެ ކަންކަން ކުރެވެމުންދާ ކަމަށެވެ. މިބަދަލުގެ ސަބަބުން މަސްގަތުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ހުޅުވިގެންދާނެ ކަމަށެވެ. އަދި މަސްވެރިން ބާނާ މަސް ކަނޑަށް އުކާލަން ނުޖެހި އާމްދަނީ އިތުރު ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.