ރައްޔިތުންގެ މަޖިލީހުގެ ކަންކަމާ ބެހިވަޑައި ނުގަތުމަށް އެދިވަޑައިގަތުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ރައްދު ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމަށް އަމާޒުވެއްޖެއެވެ.

ރައްޔިތުންގެ 'މަޖިލީހުގެ ކަންކަމާ ނުބެހި ގޭގައި ހުންނެވުމަށް' އެދިވަޑައިގެން އާޒިމް ޓްވީޓް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުން ޕްރޮޓޮކޯލް އޮންނަން ޖެހޭ ގޮތް ކިޔާ ނުދޭތޯ އައްސަވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގެ ރައްދުގައެވެ.

މަޖިލީހުގެ ބައެއް މެންބަރުން މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މަހާތަމާ ގާންދީގެ މަގުބަރާއަށް އެބޭފުޅުން ކުރެއްވި ޒިޔާރަތުގެ ފޮޓޯއެއް ހިއްސާ ކުރެއްވުމަށްފަހު، ޑރ. ޖަމީލް ވިދާޅުވީ މަޖިލީހުން ޕްރޮޓޮކޯލް އޮންނަން ޖެހޭ ގޮތް ކިޔައި ނުދެނީތޯއާއި، މެންބަރުން ބަސް އަހާތޯ ބެލުމަށް މަޖިލީހަށް ހަމަ އަސްލުވެސް ޕްރިންސިޕަލަކު ބޭނުންވާ ކަމަށެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވުމުން އާޒިމް ވަނީ، އެކަމަށް ރައްދު ދެއްވާ ޑރ. ޖަމީލަކީ ރައްޔިތުންގެ ތާއީދު ލިބުނު ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ކަންކަމާ ބެހިވަޑައިނުގެން ގޭގައި މަޑުކޮށްލެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ޑރ. ޖަމީލް މަޖިލީހަށް ކުރިމަތިލެއްވުމުން ލިބިވަޑައިގަތީ އެންމެ 40 ވޯޓު ކަމަށް އާޒިމް ވިދާޅުވެއެވެ.

އާޒިމަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވަނީ، އާޒިމްގެ ހަނދާން މާ ބަލި ކަން ފާހަގަ ކުރައްވާ މި ވެރިކަން އައި ގޮތާއި، 'ހިޔަނި' ކެބިނެޓެއް ހަދާ، އެމްޔޫއޯގެ ލީޑަރުގެ ފަހަތަށް އެރީ ކީއްވެތޯ އަހާ ސުވާލު އުފައްދަވާފައެވެ. އަދި އެންމެ ވޯޓެއް ނުލިބޭ މީހާއަށްވެސް މަޖިލީހުގެ ކަންކަމާ ބެހެވޭނެ ކަމަށާއި، މަޖިލީހުގައި އެހާ ދުވަސް އިންނެވި އިރުވެސް އެކަން އެނގި ވަޑައިނުގަންނަވާތޯ ޑރ. ޖަމީލް އެއްސެވިއެވެ. މިފަދައިން ވިދާޅުވެ، ޑރ. ޖަމީލް ވަނީ މަޖިލީހުގެ މުސާރައަކީ ރައްޔިތުންގެ ޖީބުން ދޭ މުސާރައެއް ކަން ފާހަގަ ކުރައްވާ އާޒިމަށް ރައްދު ދެއްވާފައެވެ.

އާޒިމުގެ އިތުރުން ހުސެން ޝަމީމު (އަނދުން ހުސައިން) ވެސް ޖަމީލަށް ރައްދު ދެއްވާފައި ވެއެވެ. އެގޮތުން އޭނާ ވަނީ، ޑރ. ޖަމީލު އިންތިހާބުވެ ވަޑައިގެންގެވިއަސް ވެރިކަން ހަވާލު ނުކުރައްވާނެ ކަމަށާއި، އާ ކަންކަމާއި ނޫޅުއްވާ ގޭގައި މަޑުކޮށްލެއްވުމަށް ގޮވާލައްވާފައެވެ.