ހިތާނު ކުރި ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެކުއްޖާގެ ކުރިމަތި ފަރާތް ފިހުނު މައްސަލައާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން މައާފަށް އެދިއްޖެއެވެ.

މި މަހުގެ އެއް ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުން ހިތާނު ކުރި 5 އަހަރުގެ ކުއްޖާ ލޭ މަނާ ނުވާތީ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލުގެ އެމްޖެންސީގައި ތިބި ޑެކްޓަރުން އުނގުޅި ބޭހަކުން ކުރިމަތި ފަރާތާއި އެ ސަރަހައްދުގެ ހަންގަނޑު ވަނީ ފިހިފަކަމަށް ބުނެ އެ ކުއްޖާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ޖަހާފައެވެ.

މި މައްސަލައާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ، ހިތާނު ކުރި ކުއްޖެއްގެ ގައިގާ އުނގުޅި ބޭހެއްގެ ސަބަބުން ފިހުނު މައްސަލައަކީ ހިނގި ހާދިސާއެއް ކަމަށާއި އެ މައްސަލަ ބަލަން އެ ކުއްޖާގެ ބެލެނިވެރިޔާއާ ގުޅައިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ބެލުމަށްފަހު އެކަމަށް މައާފަށް އެދިފައިވާ ކަމަށްވެސް މާރިޔާ ދިން ސްޓޭޓްމަންޓްގައި ވެއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި، އަދި އެ މައްސަލައިގައި ޝާމިލްވި ސްޓާފުންގެ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް ދިމާވި ކަހަލަ ކަމެއް ދިމާވެގެން ނުވާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

އެ ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އެދުވަހު ކުއްޖާ އެމަޖެންސީއަށް ގެންދިއުމުން އެ ތަނުގައި ތިބި 2 ޑޮކްޓަރުން ހިތާނުކޮށްފައިވާ ތަނުގައި އަޅާފައިވާ ބޭސްގަނޑު ނައްޓާލި ކަމަށެވެ. އަދި އެ 2 ޑޮކްޓަރުން ކުއްޖާއަށް ފަރުވާ ދިނުމުގައި އުޅުނު އިރު އެ ތަނުގައި ބޭހެއް އުނގުޅި ކަމަށް އާއިލާއިން ބުނެއެވެ. އެ ބޭސް އުނގުޅުމާއެކު ކުއްޖާ ރޯން ފެށި ކަމަށާއި، ދިލަ ނަގައިގެން އުޅޭ ފަދައިން ރޮމުން ދިޔަ ކަމަށް ބުނެއެވެ. އޭގެ ފަހުން އެ 2 ޑޮކްޓަރުންގެ ހަބަރެއް ނުވި ކަމަށާއި، ފަހުން އެނގުނު ގޮތުގައި އެ ޑޮކްޓަރުން ޑިއުޓީ ނިންމާފައި ދިޔައީ ކަމަށް އާއިލާއިން ބުނެއެވެ.

ދެން އެ މައްސަލަ ހޮސްޕިޓަލުގެ އޮފީހަށް ހުށަހެޅި ކަމަށާއި ހިތާނީ ޑޮކްޓަރު އެޓެންޑެވެ އަވަހަށް އެ ކުއްޖާއަށް ފަރުވާ ދިނުމަށް އޮޕްރޭޝަން ތިއޭޓަރަށް ގެންދިޔަ ކަމަށް އާއިލާއިން ބުނެއެވެ.

ހިތާނީ ސީޒަން ފެށިގެން އުޅޭ އިރު މި ފަދަ މައްސަލައެއް ފެންމަތި ވުމުން ގިނަ ބެލެނިވެރިންތަކެއް ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ހުޅުމާލެ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ކުދިން ހިތާނު ކުރަމުން އަންނަ ހޮސްޕިޓަލެކެވެ.