މަސްތުވާތަކެއްޗާއި އެކު ކ. ކާށިދޫއާއި ހއ. އިހަވަންދޫ އިން ޖުމްލ 8 މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ކ.ކާށިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކާށިދޫ އިން ފަސް މީހަކު ހައްޔަރުކޮށްފައިވަނީ ކާށިދޫ ގެއެއް ބަލައި ފާސްކުރުމަށްފަހުއެވެ. އަދި އިހަވަންދޫ އިން ތިން މީހަކު ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާ އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލާގައި ކާށިދޫ އިން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހުންނާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެކެވެ. މި ފަސްމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. ކާށިދޫގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 10:17 ހާއިރު ހިންގި މި އޮޕަރޭޝަނުގައި، އެމީހުންތިބި ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އިހަވަންދޫ އިން މަސްތުވާތަކެއްޗާއި އެކު ތިން މީހަކު ހައްޔަރު ކުރީ އެ އަތޮޅު ހޯރަފުށިން ފުރައިގެން އިހަވަންދުއަށް ދަތުރުކުރަމުން ދާ ޑިންގީއަކުން އިހަވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދެ މީހުންނާއި 33 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އިހަވަންދޫ ބަނދަރުމަތިން މި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ހޮޅިކޮޅު ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން މީހުންނަށްވެސް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ދެ މައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނުންނާއި ކާށިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.