ދަރިން ނުލިބޭ ބޮޑު ދައިތައަށް ދިނުމަށް ކަމަށް ބުނެ ތުއްތު ކުއްޖަކު ވަގަށް ނެގި ޕެރަމެޑިކްއެއް ޕާކިސްތާނުން ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ބަލޫޗިސްތާނު ސަރަހައްދުގައި ހުންނަ ހޮސްޕިޓަލަކަށް އުފަންވި ތުއްތު އަންހެން ކުއްޖަކު ވަގަށް ނަގާފައިވަނީ އެނާ އުފަންވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ.

މިފަދަ ކަމެއް ހިނގިކަން އެ ތުއްތު ކުއްޖާގެ އާއިލާއަށްވެސް ފުރަތަމަ ނޭނގުނެވެ. އެއީ އެ ކުއްޖާގެ މަންމަ އޭނާއާއިއެކު އެއް މާބަނޑު ދެބެން ވިހޭކަން އާއިލާއަށް އެނގިފައި ނެތުމުންނެވެ.

ދަރިން ނުލިބޭ ބޮޑުދައިތައަށް ދިނުމަށް ތުއްތު ކުއްޖަކު ވަގަށް ނެގުމުގެ ޖަރީމާ ހިންގި ޕާކިސްތާނުގެ ހޮސްޕިޓަލު/ފޮޓޯ: އާމިރު އަފްގާން

އާއިލާގެ ސަމާލުކަމަށް މިކަން އައީ މަންމަ ހޭ އަރައިގެން 'އަނެއް އަންހެން ދަރިފުޅު' ކޮބައިތޯ ސުވާލުކުރަން ފެށުމުން ކަމަށް އަންހެން މީހާގެ ޅިޔަނު ޢަބްދުލް ހާމިދު ވަނީ ކިޔައިދީފައެވެ.

ޢަބްދުލް ހާމިދު ބުނި ގޮތުގައި އޭނާގެ ފަހަރި ޖަމީލާ ބިބީ ވިހަންވެގެން ހޮސްޕިޓަލަށް ގެންދިޔައީ ޚުދު އޭނާއެވެ. ޖަމީލާ ބިބީ ވިހައިގެން އާއިލާއާއި ހޮސްޕިޓަލުން ހަވާލުކުރީ އެންމެ ކުއްޖެކެވެ. ދެމައިންގެ ހާލު ރަނގަޅުވުމުން ހޮސްޕިޓަލުން އެދެމައިންވެސް ދޫކޮށްލި ކަމަށް ޢަބްދުލް ހާމިދު ބުންޏެވެ. ނަމަވެސް ޖެހިގެން އައި ދެތިން ދުވަހެއް ވަންދެން ޖަމީލާ ބިބީއަށް ހަމަހޭވެރިކަން މުޅިން ނުލިބޭ ކަމަށް ޅިޔަނު ކިޔައިދިނެވެ. ގެއަށް ގެންދިޔަ ދަރިފުޅުވެސް މިމުއްދަތުގެ ތެރޭގައި ވަނީ މަރުވެފައެވެ.

ޖަމީލާއަށް ފުރިހަމަ ހޭވެރިކަން ލިބި އަނެއް ދަރިފުޅު ކޮބައިތޯ ސުވާލު ކުރުމުން އާއިލާއަށްވެސް ލިބުނީ ސިހުމެއް ކަމަށް ޅިޔަނު ބުންޏެވެ.

ހައްޔަރު ކުރުން

ޖަމީލާ ބިބީގެ އާއިލާއިން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ.

ހާދިސާ ހިނގާދިޔަ ލޮރާލާއި ސަރަހައްދުގެ ފުލުހުންގެ އިސް އޮފިޝަލު ޖަހަންގޯރު ޝާހް ވިދާޅުވީ ޢަބްދުލް ހާމިދު މައްސަލަ ހުށަހެޅުމާއެކު، އަންހެން ޕެރަމެޑިކް އެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހަކީ ޖަމީލާ ބިބީ ވިހޭ ވަގުތު ލޭބާ ރޫމް ތެރޭގައި ޑިއުޓީގައި ހުރި ޕެރަމެޑިކް ކަމަށާ، ޖަމީލާ ބިބީ ވިހޭ އަނެއް ދަރިފުޅު ވީތަން ބުނެދިނީ އޭނާ ކަމަށްވެސް ޖަހަންގީރު ޝާހް ވަނީ ވިދާޅުވެފައެވެ.

އަލަށް ވިހޭ ތުއްތު ކުއްޖާ ހޮސްޕިޓަލުން ބޭރު ކުރުމަށް އަންހެން ޕެރަމެޑިކްއަށް އެހީތެރިވެދިނީ އޭނާއާއިއެކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިތުރު 2 މީހެއް ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. މި ތުއްތު ކުއްޖާ ހަވާލުކޮށްފައިވަނީ ކައިވެންޏެއްކޮށް 17 އަހަރުވީއިރު ދަރިއަކު ނުލިބޭ ބޮޑު ދައިތައަކަށް ކަމަށާ، ދަރިއަކު އެޑޮޕްޓްކުރުމަށް އެ ބޮޑުދައިތަ އިންތިހާއަށް ބޭނުންވެފައި އިން ކަން އެ ޕެރަމެޑިކް ހާމަކުރި ކަމަށް ފުލުހުންގެ އޮފިޝަލި ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާއި ގުޅިގެން ޕާކިސްތާނުގެ ފުލުހުން ވަނީ މިކަމުގައި ޝާމިލުވި 4 އަންހެނުންވެސް ހައްޔަރުކޮށްފައެވެ. ތުއްތު އަންހެން ކުއްޖާ މިހާރު ވަނީ އޭނާގެ އާއިލާ ހަވާލުކޮށްފައެވެ. ޚަބަރު ލިބޭ ގޮތުގައި އެކުއްޖާއަށް އަދި ނަމެއް ނުކިއައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފަދަ ކަންކަން ހިނގަނީ އެކަށީގެންވާ އިޖުރާއަތުތަކެއް ނެތުމުގެ ސަބަބުންނެވެ. އެގޮތުން ވިހާތަނުން ތުއްތު ކުއްޖާގެ ގައިގައި ޓެގް އެޅުވުން ފަދަ ކަންކަމާ، ހޮސްޕިޓަލުން ނިކުމެވެން ހުންނަ ހުރިހާ ހިސާބެއްގައި ސެކިއުރިޓީ ވަރުގަދަ ކުރުން ބަލިކަށިވުން ފަދަ ކަންކަން އެފަރާތްތަކުން ފާހަގަކުރެއެވެ. މީޑިއާގައި ނަން ހާމަ ނުކުރުމަށްއެދި ވާހަކަ ދެއްކި ޑޮކްޓަރަކު ވަނީ ޕާކިސްތާނުގެ ސަރުކާރުން ހިންގާ ބައެއް ހޮސްޕިޓަލުތަކުގައި އެކަށީގެންވާ ގޮތެއްގައި ތުއްތު ކުދިންނާ މައިމީހާ ޓެގް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތްކަންވެސް ފާހަގަކޮށްފައެވެ.

ކަންމިހެން އޮތްއިރު ޕާކިސްތާނު ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ސިއްހީ ދާއިރާއާއި ގުޅުންހުރި ހުރިހާ ހިދުމަތަކާ މެދު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.