އިންސާނީ ހަޟާރާތުގެ ތަރައްގީގެ ގިންތި ވަޒަންކޮށް ތަރައްގީ ބެހޭ އދގެ މަޝްރޫއު (ޔޫއޭންޑީޕީ)އިން އެކުލަވާލާ ހިއުމަން ޑިވަލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި) ރޭންކިންގްގައި ރާއްޖެއިން 1 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ އިންސާނީ ހައްގުތަކުގެ ދުވަހާ ދިމާކޮށް ޔޫއެންޑީޕީއިން އާންމުކޮށްފައިވާ އެޗްޑިއައި ރިޕޯޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ދިވެހި ރާއްޖެ ގިންތިކޮށްފައިވަނީ ހައި ހިއުމަންޑް ޑިވަލޮޕްމަންޓް (އެޗްއެޗްޑީ) ރޭންކުގައެވެ. މިއީ އިންސާނީ ތަރައްގީގެ ރޭންކިންގްގެ 2 ވަނަ ގިންތިއެވެ.

އިންސާނީ ތަރައްގީގެ ރޭންކިންގްގެ އެންމެ މަތީ ގިންތި ކަމަށްވާ 'ވެރީ ހައި އެޗްޑީއައި' ގިންތީގައި ހިމެނި، ދުނިޔޭގެ ރޭންކިންގްގެ 71 ވަނަ ދަރަޖަ ހޯދައިގެން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެޗްޑީއައި އެންމެ މަތީ ގައުމުގެ ޝަރަފު ހޯދާފައިވަނީ އަވަށްޓެރި ސްރީލަންކާއިންނެވެ.

އެޗްޑީއައި ގައި ރާއްޖެ

ހުރިހާ ގިންތިއެއް ހިމެނޭ ގޮތަށް، ރާއްޖޭގެ އެޗްޑީއައި އުޅެނީ ދުނިޔޭގެ ރޭންކިންގްގެ 104 ވަނާގައެވެ. 2017 ވަނަ އަހަރު ރާއްޖެ އޮތީ ރޭންކިންގްގެ 105 ވަނާގައެވެ.

ޔޫއެންޑީޕީއިން ޝާއިއުކުރަމުން އަންނަ ހިއުމަން ޑިވަލޮޕްމަންޓް އިންޑެކްސްގެ ތާރީހަށް ބަލާއިރު ރާއްޖެއިން ދަނީ އެއް އަހަރަށްވުރެ އަނެއް އަހަރު ކުރީ ދަރަޖައެއް ހޯދަމުންނެވެ. އެގޮތުން 2000 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގެ ހިއުމަން ޑިވަލޮޕްމަންޓް އިންޑެކްސް އުޅުނީ 0.610ގައެވެ. 2015 ވަނަ އަހަރު 0.709 އަށް އިތުރުވެ، އެންމެ ފަހުން އާންމުކުރި 2018 ވަނަ އަހަރުގެ ރިޕޯޓްގައި ރާއްޖޭގެ ހިއުމަން ޑިވަލޮޕްމަންޓް އިންޑެކްސް އުޅެނީ 0.719 ގައި ކަން ހާމަވެއެވެ.

ލައިފް އެކްސްޕެކްޓަންސީ

ޔޫއެންޑީޕީއިން އާންމުކޮށްފައިވާ އެޗްޑީއައި ރިޕޯޓް ބުނާ ގޮތުން ރާއްޖޭގެ ލައިފް އެކްސްޕެކްޓަންސީ ނުވަތަ ދިވެއްސަކު ދިރިހުންނާނެ ކަމަށް ލަފާ ކުރާ އެންމެ ދޮށީ އުމުރަކީ އަންހެނަކަށް ނަމަ 80.5 އަހަރެވެ. ފިރިހެނުންގެ ލައިފް އެކްސްޕެކްޓަންސީއަކީ 77.2 އަހަރުކަމަށް ލަފާކޮށްފައިވެއެވެ.

ޖިންސުގެ ފަރަގު

ޖިންސުގެ ފަރަގަށް ބަލާއިރު ރާއްޖެ އޮތީ ރޭންކިންގްގެ 81 ވަނާގައެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އޮތީ އާބާދީގެ 5.9 ޕަސެންޓްގައި ކަން މި ރިޕޯޓް ފާހަގަކުރެއެވެ.

އިންތިހާ ފަގީރުކަން

އެކި ސަބަބުތަކާ ހެދި އިންތިހާ ފަގީރުކަމުގެ ނުރައްކަލަށް ހުށަހެޅިފައިވާ އާބާދީގެ ނިސްބަތަކީ 4.8 ޕަސެންޓް ކަންވެސް މި ރިޕޯޓްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އިންތިހާ ފަގީރުކަމުގެ ގިންތި ކަމުގައި ދުނިޔޭގެ ނިސްބަތުން ބަލަނީ ދުވާލެއްގެ މައްޗަށް ބޮލަކަށް 1.90 ޑޮލަރު ނުޖެހުން ކަމަށްވާއިރު، ރާއްޖޭގެ އާބާދީގެ 7.3 ޕަސެންޓް މީހުން، 2007 ވަނަ އަހަރާ 2017 ވަނަ އަހަރާއި ދެމެދު ތިބީ މި ގިންތީގައިކަންވެސް ޔޫއެންޑީޕީއިން އާންމުކުރި ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

ދިރިއުޅުމުގެ ފެންވަރު

އާބާދީ 99 ޕަސެންޓް މީހުންނަކީ ދުނިޔެ ގަބޫލުކުރާ އެންމެ އަސާސީ މިންގަނޑަށް ބޯފެނާ ނަރުދަމާގެ ހިދުމަތް ލިބޭ މީހުން ކަމަށާ، އާބާދީގެ 100 ޕަސެންޓްއަކީ އަސާސީ ފެންވަރަށް ކަރަންޓްގެ ހިދުމަތް ލިބޭ މީހުންކަން ހިއުމަން ޑިވަލޮޕްމަންޓް އިންޑެކްސް ރިޕޯޓް 2019 ގައި ވަނީ ފާހަގަކޮށްފައެވެ.

ސިއްހީ ދާއިރާ

ސިއްހީ ދާއިރާއަށް ބަލާއިރު ރާއްޖޭގެ އާބާދީގެ ކޮންމެ 10000 މީހަކަށް 10.4 ފިޒީޝަނުން ނުވަތަ ޑޮކްޓަރުން ތިބޭކަމަށް މި ރިޕޯޓުން ދައްކައެވެ. އަދި ކޮންމެ 10000 މީހަކަށް 43 އެނދު ހޮސްޕިޓަލުތަކުގައި ހުންނަ ކަމަށްވެސް މި ރިޕޯޓް ބުނެއެވެ.

މާބަނޑު މީހުންގެ އާބާދީއަށް ބަލާއިރު އާބާދީގެ 99.1 ޕަސެންޓް މީހުންނަކީ ބަލިވެއިނީއްސުރެ ވިހެއުމާ ދެމެދު އެންމެ މަދުވެގެން 1 ފަހަރު، ސިއްހީ އެހީތެރިންގެ އެހީ ހޯދާ މީހުން ކަމަށާ، އާބާދީގެ ނިސްބަތުން ބަލާއިރު އަލަށް އުފަންވާ ކުދިންގެ 95.1 ޕަސެންޓް ކުދިން އުފަންވަނީ ސިއްހީ އެހީތެރިންގެ ހާޒިރުގައި ކަމަށްވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ދެކުނު އޭޝިއާ ރޭންކިންގް

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު، ސަރަހައްދީ ސުޕަޕަވާގެ ގޮތުގައި އޮތް އިންޑިއާ ގިންތިކޮށްފައިވަނީ މެދު މިނުގެ ރޭންކުގައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންސާނީ ތަރައްގީގެ ރޭންކިންގްގައި އިންޑިއާ އުޅެނީ 129 ވަނާގައެވެ. 134 ވަނާގައި ބޫޓާން އަދި ރޭންކިންގްގެ 135 ވަނާގައި ބަންގްލަދޭޝް އޮތްއިރު، ނޭޕާލް އޮތީ 147 ވަނާގައެވެ. އެޗްޑީއައި ރޭންކިންގްގެ 152 ވަނާގައި ޕާކިސްތާނު އޮތް އިރު އަފްގާނިސްތާނު ހިމެނެނީ ދުނިޔޭގެ ރޭންކިންގްގެ 170 ވަނާގައެވެ.