ގާނޫނު ލާޒިމުކުރާ ވަކި ޕަސެންޓެއް ނުދިނަސް އަންހެނުން ބާރުވެރި ކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު އިބްރާހިމް ގާސިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ގާނޫނަކުން ކަށަވަރު ކޮށްދީގެން ވަކި ޕަސެންޓެއް ނުދިން ކަމުގައިވިޔަސް މަސައްކަތް ކުރީމައި އަންހެނުން މަގާމުތަކަށް އިންތިހާބު ވާނެ ކަމަށެވެ.

މިފަދައިން ވިދާޅުވެ، ގާސިމް ވަނީ މިހާރުވެސް ސަރުކާރުުގެ މަގާމުތަކުގައި، ހާއްސަކޮށް މަޖިލިސް މެންބަރު ކަމުގައާއި ވަޒީރު ކަމުގައި ތިއްބެވި ބޭފުޅުންގެ ވާހަކަ ފާހަގަ ކުރައްވާފައެވެ. އަންހެނުން ބާރުވެރި ކުރުވުމަށް ގާނޫނު ލާޒިމުކުރަން ނުޖެހޭ ކަމަށް ފާހަގަ ކުރައްވަމުން ގާސިމް ވަނީ، ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް ކައުންސިލަރުންނަކީ އަންހެނުންނަށް ވުން ލާޒިމުކޮށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަކީ އަންހެނުންނަށް ކުރެވޭ މަލާމާތެއް ކަމަށް ސިފަ ކުރައްވާފައެވެ.

ޖޭޕީގެ ރަތްފިޔަ އިފްތިތާހް ކުރުމުގެ ހަފްލާގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ރޭގެ ޖަލްސާގައި ގާސިމް ވަނީ އަންހެނުންނަށް ވަކި ޕަސެންޓެއް ދޭން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ، މީގެ ކުރިން ދެއްކެވި ވާހަކަ ތަކުރާރު ކުރައްވާފައެވެ. މި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅު ވަނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ގާނޫނުއަސާސީއިން ކަށަވަރު ކޮށްދޭ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށް ލިބެންޖެހޭނެކަމަށް ބުނެފައިވާތީ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.