ފެތުރެމުންދާ ސްކޭމް މެސެޖުތަކަށް ޖަވާބު ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ޓްވިޓާ މެދުވެރިކޮށް، ދުބާއީ އިސްލާމިކް ބޭންކްގެ ބޭންކަރެއް ކަމަށް ބުނެ މީހަކު ފޮނުވާފައިވާ ސްކޭމް މެސެޖުތަކެއް އާންމުވުމާ ގުޅިގެންނެވެ. ފުލުހުން ވަނީ މިފަދަ މެސެޖުތައް ލިބުނަސް، އެއަށް ޖަވާބު ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
ބައެއް ފަރާތްތަކަށް ލިބެމުންދާ މި މެސެޖުގައި ބުނަނީ 2009 ވަނަ އަހަރު ސެޕްޓެމްބަރުމަހު އިންޑޮނޭޝިއާއަށް އައި ބިންހެލުމެއްގައި ނިޔާވެފައިވާ ފަރާތަކުން، ދުބާއީ އިސްލާމިކް ބޭންކު މެދުވެރިކޮށް، 26.7 މިލިއަން ޑޮލަރުގެ ފިކްސް ޑިޕޮސިޓެއް ކޮށްފައިވާ ކަމަށާ އަދި ނިޔާވެފައިވާ ފަރާތް ނިޔާވެފަިއވާކަން ބޭންކަށް އެނގިފައި ނުވާ ކަމަށާއި، އޭނާ ހޯދުމަށް އެ ބޭންކުން މަސައްކަތް ކުރަމުންދާތީ، މި ފައިސާ ބޭންކަށް ދިނުމަށް ބޭނުން ނުވާ ކަމަށް ބުނެ، މެސެޖު ފޮނުވި ފަރާތުން ދަނީ މީހުންނަށް އޮފާއެއް ކުރަމުންނެވެ.
އެ އޮފާގައި ވަނީ ނިޔާވެފައިވާ މީހާގެ ނަމާއި މެސެޖު ރައްދުވާ ފަރާތުގެ ނަމަކީ އެއް ނަމެއް ކަމަށާއި އެހެން ކަމުން، މިކަމުގައި މެސެޖު ރައްދުވާ ފަރާތުގެ މައުލޫމާތު ދިނުމުން، އެ ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ފައިސާ ލިބުމުން، 26.7 މިލިއަން ދެ ބަޔަކަށް ބަހާލުމަށްފަހު، އެއްބައި، މެސެޖު ރައްދުވާ ފަރާތަށް ދޭނެ ކަމަށް ބުނެފައި ވެސް ވެއެވެ.
ނަމަވެސް، މިއީ ސްކޭމް މެސެޖެކެވެ. މި މެސެޖު ލިބުމުން، މެސެޖުގައި އެދޭ މައުލޫމާތު ހިއްސާކޮށްފިނަމަ، އެ މައުލޫމާތު މެދުވެރިކޮށް މީހެއްގެ އެކައުންޓުގައި ހުރި ފައިސާތައް ފޭރިގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.