މޮރޮކޯ އިން ހަދިޔާކުރި ކާޕެޓް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމަނިކުފާނު ގެއަށް ގެންދެވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވަނިކޮށް، އެ ވާހަކަތައް ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ފޮރިން މިނިސްޓްރީގެ ފަރާތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ، މޮރޮކޯއިން ހަދިޔާ ކުރި ކާޕެޓް ފޮރިން މިނިސްޓްރީގައި އަދިވެސް އެބަ އޮތް ކަމަށާއި، މިނިސްޓަރު ޝާހިދު އެ ކާޕެޓް ގެއަށް ނުގެންދަވާ ކަމަށެވެ.
މިކަމާ ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކާޕެޓްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އަދި އެ މައްސަލަ ބެލުމާ މެދު އޭސީސީން އަދި ގޮތެއް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޮރޮކޯގެ ބޮޑު ވަޒީރު، ޑރ. ސާދު ރާއްޖެއަށް އަގުބޮޑު ކާޕެޓެއް ހަދިޔާކުރެއްވީ، މިނިސްޓަރު ޝާހިދު ދާދި ފަހުން އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ. މިފަދަ ދަތުރުތަކުގައި ދޭދޭ ގައުމުތަކުން ހަދިޔާ ބަދަލު ކުރުމަކީ ޕްރޮޓޮކޯލްގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. މި ކާޕެޓަކީ ވެސް އެގޮތުގެ މަތިން މޮރޮކޯއިން ދީފައިވާ ހަދިޔާއެއްކަން މިއުވާން ފާހަގަ ކުރައްވާފައި ވާއިރު، އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މޮރޮކޯއިން ހަދިޔާކުރި ކާޕެޓް، ފޮރިން މިނިސްޓަރު ގެއަށް ގެންދެވި ކަމަށް ބުނެ ވާހަކަތައް ފެތުރިފައިވާއިރު، ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކުން ދަނީ އެކަމަށް ޖޯކު ޖަހަމުންނެވެ.
މިސަރުކާރުން ތެދު ހަދާނެތަ....ދައްޖާލު