އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އިދިކޮޅާ ގުޅެން އުޅުއްވާ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

މަވޯޓާ ޝަރީފް ރެސްޓޯރެންޓެއްގައި އިދިކޮޅު ބައެއް ފަރާތްތަކާ އެކު ސައި ހިއްޕަވަން އިންނަވަނިކޮށް، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އާންމުކުރި ވީޑިއޯއެއްގައި ވަނީ، ޝަރީފް އިދިކޮޅު ޕީއެންސީ ނުވަތަ ޕީޕީއެމްއާ ގުޅެއް އުޅުއްވާކަމުގެ ތުހުމަތު ކޮށްފައެވެ. މިކަން ދޮގު ކުރައްވަމުން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ، އިތުރު އެއްވެސް ޕާޓީއަކާ ގުޅެން ނޫޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ، ރެސްޓޯރަންޓަށް ވަޑައިގެންނެވީ، ސިޔާސީ ޕާޓީިތަކާ އެކު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމަށްފަހު ސައި ހިއްޕަވަން ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، އިދިކޮޅު ޕީއެންސީގެ ފަރާތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ، އެމްޑީޕީގެ 2 މެންބަރަކާއި މިނިވަން މެންބަރަކު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައިވާ ކަމަށާ، އޭނާއާ ބައްދަލުކުރައްވައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ތިން މެންބަރުންގެ ތެރޭގައި އުތުރަށް ނިސްބަތްވާ ދެ މެންބަރަކު ހިމެނޭ ކަމަށާއި ދެކުނަށް ނިސްބަތްވާ އެއް މެމްބަރަކު ހިމެނޭ ކަމަށެވެ. އުތުރުގެ 2 މެންބަރުންގެ ތެރޭގައި މިނިވަން މެންބަރެއްވެސް ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ތިން މެމްބަރުންގެ ނަން ހާމަ ނުކުރެއްވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަންނަވަނީ އެއްވެސް ކަމެއް ޝަރުތުކުރައްވައިފައި ނޫން ކަމަށެވެ. އަދި އެއީ ނިމިދިޔަ ދައުރުގައި މަޖިލިސް ކުރިއަށް ދިޔަ ގޮތާ ދޭތެރޭ އެ މެންބަރުން "ފްރަސްޓްރޭޓް" ވެގެން ގުޅިވަޑައިގަތުމަށް ނިންމެވީ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި 65 މެންބަރުންގެ އަޣުލަބިއްޔަތުން އެމްޑީޕީން ވަނީ މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ކޯލިޝަންގެ އަދަދަކީ ނުވައެކެވެ. އެއީ ޕީޕީއެމްގެ ހަ މެމްބަރުންނާއި ޕީއެންސީގެ ތިން މެމްބަރުންނެވެ.