ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންގެ ކިބައިގައި ބަންޑާރަ ނައިބު އެދިއްޖެއެވެ.

ނޫމަޑިގެ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައި ވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާއު ކުރައްވާފަ ކަމަށެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށް ދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ މިނިސްޓާ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށްވެސް އެ ބަޔާނުގައި ވާ ނަމަވެސް 17 ނޮވެންބަރު 2018 ގައި މިނިސްޓަރ ކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށް ފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށްވެސް މި ނޫސް ބަޔާނުގައި ވެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައިވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށް ފަހު، އަލުން ބަޔާން ބަދަލު ކުރައްވާފައި ވާކަން ފާހަގަކުރެވޭ ކަމަށައި ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެެއްވި ކަމަވެސް މި ބަޔާނުގައި ވެއެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދެއްވުން ވެގެން ދިޔައީ، އާބިޓްރޭޝަނުގައި ހިނގަމުން ދިޔަ މައްސަލަތައް ދިފާއު ކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށްވެސް މި ބަޔާނުގައި ވެއެވެ.

ނޫމަޑި މައްސަލާގައި މުއިއްޒު ޢަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ ކަން ނުވަތަ ނޫން ކަން ތަހުގީގުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކިބައިން މިހާރު އެދިފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ނޫމަޑިގެ މައްސަލައިގައި މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ. ނަމަވެސް ކޮމިޓީގައި މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް މުއިއްޒު ސިދާ ޖަވާބެއް ނުދެއްވާ ކަންވެސް ފާހަގަ ކުރެވެއެވެ. ފަހުން ކޮމިޓީއިން ވަނީ މުއިއްޒު ކޮމިޓީގައި ދޮގު މައުލޫމާތު ދީފައި ވާ ކަމަށް ތުހުމަތުވާތީ އެކަން ފުލުހަށް ހުށަހަޅަން ވެސް ވަނީ ނިންމާފައެވެ.