ކޮރަޕްޝަނަކީ އިންސާނުން ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ބައިނަލް އަގުވާމީ އެންޓި ކޮރަޕްޝްން ދުވަސް ފާހަގަ ކުރަމުން ދާއިރު ރައީސް މައުމޫން ވަނީ މައުމޫނުގެ ހިޔާލުފުލާއެކު ޓުވީޓެއް ކުރައްވާފައެވެ. އެ ޓުވީޓުގައި ވަނީ އިންސާނުން ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަން ކަމަށާއި އަހަރެމެން އެންމެންވެސް އިސްކަން ދޭންވީ "ޒީރޯ ޓޮލަރަންސް" އަށް ކަމަށެވެ. އަދި ހަމަ އެހެންމެ މިގޮތުގައި ދެމިހުރެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އެ ޓްވީޓުގައި ވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ވެސް ވަނީ އާންމު ކުރަން ފައްޓަވާފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އަކީ ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމަުން އަންނަ މައްސަލައެކެވެ. އެތައް ބަޔަކަށް މި މައްސަލައިގައި ތުހުމަތު ކުރެވިފައިވާ އިރު މިހާތަނަށް މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ތިން ފަރާތަަކްށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއަރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށެވެ.
ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުނެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރަކު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.