ނިމިގެން މިދާ 2019 ވަނަ އަހަރަކީ ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް ބޮޑެތި އިންގިލާބުތަކެއް ގެނުވި އަހަރެކެވެ. އަލަށް ތައާރަފުވި ބަދަލުތަކާއެކު، މީގެ ކުރިން ދެމުންދިޔަ ބައެއް ހިދުމަތްތައް ބޭކާރުވެ ބާކީވިއެވެ. އަދި އަނެއް ބައި ހިދުމަތްތައް ފޯރުކޮށްދީގެން ކުންފުނިތަކަށް ދެކޮޅު ޖެއްސޭ ގޮތެއް ނުވެއެވެ. އެގޮތުން މިއަހަރު އެންމެ ފިނަ ހިދުމަތްތަކެއް 'ކަފުންކުރި' އެއް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ސާޗް އިންޖިން އޮޕަރޭޓް ކުރަމުން އަންނަ ގޫގްލް ކުންފުންޏެވެ.

ގޫގްލް ފިއުޝަން ޓޭބަލްސް: 2009-2019

މިއީ ތަފާސް ހިސާބުތައް އެއްކޮށް، އޭގެ މައްޗަށް ބިނާކޮށް އެކި ކަހަލަ ޓޭބަލްތަކާ ކުރެހުންތައް ފަރުމާކުރުމަށް އެހީވެދޭ ހިދުމަތެކެވެ. ގޫގްލްއިން ފިއުޝަން ޓޭބަލްސްގެ ހިދުމަތް ސަސްޕެންޑްކުރީ މި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ގޫގްލް ކްލައުޑް މެސެޖިންގް: 2012-2019

މިއީ އެންޑްރޮއިޑްއާއި ކްރޯމް ބޭނުންކޮށްގެން އޮޕަރޭޓްކުރާ އެޕްލިކޭޝަންތައް ބޭނުންކުރާ ކްލަޔަންޓުންނާ ޑިވަލޮޕަރުންނާ ދެމެދު ނޯޓިފިކޭޝަން މެސެޖު ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ފީޗާއެކެވެ.

ގޫގްލް ކުންފުނީގެ ސީއީއޯ ސުންދަރު ޕިޗާއީ/ފޮޓޯ: އޭއެފްޕީ

ބްލޮގް ކޮމްޕަސް: 2018-2019

މިއީ ގޫގްލްއިން ކަފުންކުރާ އެންމެ ހަގު ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތެވެ. މިއީ ގޫގްލްގެ ބްލޮގިންގް ސާވިސްތައް ބޭނުންކުރާ ފަރާތްތަކަށް، އެމީހުންގެ ބްލޮގްތަކާބެހޭ އެންމެހާ ތަފާސް ހިސާބުތައް އެއްތަނަކުން ފޯރުކޮށްދިން އެންމެ މަގުބޫލު އެއް ޕްލެޓްފޯމްއެވެ. ބްލޮގް ކޮމްޕަސް ބޭނުންކުރަމުންދިޔަ ކްލަޔަންޓުންގެ ތެރޭގައި ވާޑްޕްރެސްގައި ބްލޮގް ހިންގާ ފަރާތްތައް ގިނައެވެ.

ޔޫޓިއުބް މެސެޖު: 2017-2019

ނިމިގެން މިދާ 2019 ވަނަ އަހަރު ގޫގްލްއިން މަރާލި އަނެއް ހިދުމަތަކީ ޔޫޓިއުބް މެސެޖާޒްއެވެ. މިއީ ޔޫޓިއުބް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ފަސޭހަކަމާއެކު މުއާމަލާތުކޮށް ހެދުމަށް ޑައިރެކްޓް މެސެޖުކުރެވޭގޮތަށް ފަރުމާކޮށް، 2017 ވަނަ އަހަރު ލޯންޗުކުރި ފީޗާއެކެވެ.

ގޫގްލްގެ އިންބޮކްސް ހިދުމަތް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސްލޭޝްގިއާ

ގޫގްލް ޔޫއާރްއެލް ޝޯޓްނާ: 2009-2019

މިއީ 2019 ވަނަ އަހަރުގެ ކުރީކޮޅު ގޫގްލް އިން ކަފުން ކުރި ހިދުމަތެކެވެ. ގޫގްލް ޔޫއާރްއެލް ޝޯޓްނާއަކީ ވެބްސައިޓްތަކުގެ ޕޭޖުތަކުގައިވާ ދިގު ލިންކުތައް އެކަކު އަނެކަކާ ނުވަތަ އެނޫންވެސް ގޮތަކަށް ހިއްސާކުރުމަށްޓަކައި، ފަސޭހަ މިންވަރަކަށް ކުރުކޮށްލަދޭ ހިދުމަތެކެވެ.

ގޫގްލް +: 2011-2019

މިއީ ތައާރަފު ކުރުމާއެކު ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ހިދުމަތަކަށް ވީ ނަމަވެސް، ފޭސްބުކް ފަދަ ވާދަވެރި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމާއެކު ގޫގްލް + ބޭނުންކުރަމުންދިޔަ މީހުންގެ އަދަދު އިންތިހާއަށް ދަށްވެގެންދިޔަ އެޕްލިކޭޝަންއެކެވެ. ގޫގްލް ކުންފުނިން މިއަހަރުގެ ކުރީކޮޅު ގޫގްލް + ކަފުން ކުރީ އާންމުންގެ ތާއީދު ކުޑަވެގެންނެވެ.

އިންބޮކްސް ބައި ޖީމެއިލް:2015-2019

2015 ވަނަ އަހަރު އިންބޮކްސް ބައި ޖީމެއިލް ތައާރަފު ވެގެން އައީވެސް ގޫގްލްގެ މެއިލް ހިދުމަތް ނުވަތަ ޖީމެއިލްގެ ޓެސްޓިންގް ފީޗާއެއްގެ ގޮތުގައެވެ. އިންބޮކްސް ބައި ޖީމެއިލްއަށް ތައާރަފުކުރި ގިނަ ފީޗާތަކެއް މިހާރު ވަނީ ޖީމެއިލްއާއި ގުޅާލާފައެވެ. އެހެންކަމުން ވަކި ހިދުމަތެއްގެ ގޮތުގައި މި ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމެއް ގޫގްލްއަކަށް ނެތެވެ.

2019 ވަނަ އަހަރު ނިމިގެންދާއިރު ގޫގްލްއިން 24 ޕްރޮޑަކްޓްއެއް އޮޕަރޭޓްކުރުން ހުއްޓާލާއިރު، އޭގެތެރޭގައި މިހާރުވެސް ބައެއް މީހުންގެ މެދުގައި މަގުބޫލު ހިދުމަތްތަކެއްވެސް ހިމެނެއެވެ.