ބިޑަކާ ނުލައި ސަރުކާރުގެ މަޝްރޫތައް ހަވާލުކުރާ މައްސަލައިގައި މާލިއްޔަތު ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް އޭސީސީން ބުނެފިއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބިޑަކާ ނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުގެ ކޮރަޕްޝަން ރިސްކް އެނަލިސިސެއް އޭސީން ވަނީ ހަދާފައެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށާއި، ކޮރަޕްޝަންގެ ހިރާސް ކުޑަކުރެވޭނެ ނިޒާމެއް ގާއިމްކޮށް، ދައުލަތުގެ ޕްރޮކިއުމަންޓާ ބެހޭ އިޖުރާއަތުތައް އިސްލާހު ކުރުމަށް އޭސީސީއަށް ފެންނަގޮތް ކަމާ ގުޅުންހުރި މުއައްސަސާތަކާ ހިއްސާ ކޮށްފައި ވާކަމަށް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ، މާލިއްޔަތުގެ ގަވާއިދުގެ ދަށުން ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކަށް ސަރުކާރުގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައި ވަނީ، އެ ކުންފުންޏެއްގެ މަސްލަހަތުގެ ތެރޭގައި ހިމެނޭ ބާވަތުގެ މަސައްކަތެއްތޯ ބެލުމަކާ ނުލައި ކަން ފާހަގަ ވެފައިވާ ކަމަށެވެ. އަދި ހަވާލުކުރެވޭ މަސައްކަތް އެ ކުންފުންޏަށް ނުކުރެވިގެން ބީލަމަކަށް ނުލައި ތިންވަނަ ފަރާތަކަށް ހަވާލު ކުރާކަންވެސް ފާހަގަ ކުރެވިފައިވާކަމަށް ބުނެއެވެ. މިކަން ގިނަފަހަރަށް ކޮށްފައި ވަނީ، ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކަށް އަމަލުނުކޮށް ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
މީގެ އިތުރުން ދައުލަތުން ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައިވާ އަގަށް ވުރެ ކުޑަ އަގެއްގައި އެ މަސައްކަތް ތިންވަނަ ފަރާތަކާ ހަވާލުކޮށްގެން ކުރުވާފައި ވުމުން، އެ މަސައްކަތަށް ހަރަދު ކޮށްފައިވާ ވަރަށް ވުރެ ކުޑަ އަގެއްގައި އެ މަސައްކަތް ކުރުވޭނެކަން އެނގެން އޮތް ކަމަށްވެސް އޭސީސީން ބުނެއެވެ. އަދި ދައުލަތުގެ އިދާރާއަކުން މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރަން ބޭނުންނުވާ ކޮންމެ ހާލަތެއްގައި ކޯޕަރޭޓިވް ސޮސައިޓީއަކާ އެ މަސައްކަތް ހަވާލުކޮށްގެން ކުރުވުމުގެ ފުރުސަތު އޮތް ކަމަށާއި އެކަން ބަލާނެ މިންގަނޑެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން އެނގެން ނެތް ކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ވާދަވެރި ބީލަމެއްގެ ފުރުސަތު ގެއްލި، މާކެޓް ރޭޓަށް ވުރެ ބޮޑުކޮށް ދައުލަތަށް ހިދުމަތާއި ތަކެތި ހޯދުމުގެ އިހްތިމާލު ނުހަނު ބޮޑުވެގެންދާ ކަންވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
ބިޑަކާ ނުލާ މަޝްރޫއުތައް ހިންގައިގެން ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު އެފަދަ ކަންކަން ހުއްޓުވުމަށާއި އެފަދަ ކަންކަމަށް މަގުފަހިވާ ކަންކަމަށް ބަދަލުތައް ގެނައުމަށް އޭސީސީން މަސައްކަތް ކުރާ ކަމަށް ބުނެއެވެ.
އޭސީސީ އަކީ ކޮޕަރްޝަން ހުއްޓުވުމުގެ ޒިންމާ މަތިކޮށްފައި ވާ މުއައްސަސާ ކަމަށް ވާއިރު، އެ މުއައްސަސާއަަށް އިތުބާރާ ޔަގީންކަން ހޯދުމަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ.