ރާއްޖޭގެ މަސްވެރިކަމަށް އެން ހޯދަން ކަނޑުއަޑީގައި ފީނާ ޑްރޯނެއް ތައާރަފު ކޮށްފިއެވެ.

ސައިންސާއި ޓެކްނޮލޮޖީއަށް ބަލާއިރު މިހާރު ދިވެހިންގެ ތެރޭގައިވެސް ތަފާތު އެކި ވައްތަރުގެ އެއްޗެތި އީޖާދުކުރުމަށް ލޯބި ކުރާ އަދި އެފަދަ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުން ތިބި ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިއަދު ޓްވިޓާގައި މަޝހޫރު ޒުވާން މަސްވެރިޔާ މިވަނީ ކަނޑުއަޑީގައި އެން ހޯދުމަށް މަސްވެރިންނަށް ބޭނުން ކުރެވޭނެ ހާއްސަ ޑްރޯނެއް ތައާރަފްކޮށްފައެވެ.

މި ޑްރޯނަކީ މަޑިއެއްގެ ބައްޓަމަށް ފަރުމާކޮށްފައި ވާ ޑްރޯނެކެވެ. ޖުމްލަ 300 މީޓަރު އަޑިއަށް ފީނޭގޮތަށް ފަރުމާ ކޮށްފައިވާ ޑްރޯންގެ ކެމެރާ މެދުވެރިކޮށް ކަނޑު އަޑިން ފެންނަ މަންޒަރުތަށް ފޯނުން ނުވަތަ ޓީވީއާ ގުޅަާލައިގެން ބަލައިލެވިދާނެއެވެ. މި ޑްރޯނަކީ ރޭގަނޑު އަނދިރީގައި ވެސް ކަނޑު އަޑީގެ މަންޒަރުތަށް ސާފުކޮށް، ކޮލެޓީކޮށް ފެންނާނެ ވަރުގެ ކެމެރާ ހިމެނޭ ޑްރޯނެކެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހަސަން ސާޖިން ނުވަތަ ޓްވިޓާގައި މަޝްްހޫރު ނަމުން ނަމަ "ޒުވާން މަސްވެރިޔާ" ބުނީ މަސްވެރި ކަމުގައި ނުކުމެ އުޅޭ ދިވެހިން އެން ހޯދުމަށް ފީނަން ދިއުމުގައި ޑީކޯ ވުމުގެ މައްސަލަތައް ގިނަވަމުން އަންނަ މި ދުވަސްވަރު އެން ހޯދުމަށް މިފަދަ ރޮބޮޓެއް ތައާރަފް ވުމަކީ މަސްވެރި ކަމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. މިހާރު ފީނައިގެން އެން ހޯދަން ނުޖެހޭނެ ކަމަށާއި ކިތަންމެ ކަނު އަނދިރީގައި ވެސް ފަރުތަކާއި މަސްމަހާމެހި ސާފުކޮށް އެ ޑްރޯން އިން ފެނިގެން ދާނެ ކަމަށެވެ.