ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްތަކައި އެ ކުދިންގެ ގާނޫނީ ބެލެނެވެރިކަން ދައުލަތާ ހަވާލު ކޮށްދިނުމުގެ އަމުރަކަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުން ފެމެލީ ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ 18 މައްސަލައިގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ، އުމުރުން 6 މަހާއި 13 އަހަރާ ދެމެދުގެ 11 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި، އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ފެމިލީ ކޯޓަށް ވަނީ ހުށަހަޅައިފިއެވެ.

ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ހައްގެއްކަމުގައި ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން އެ ހައްގު ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކުޑަކުދިންނަށް ނުވަތަ ޅަފުރައިގެ ކުދިންނަށް މުޖުތަމައުން ނުވަތަ އާއިލާއިން އިހުމާލުވާ ހާލަތުގައި، އެކުދީންނަށް ހާއްސަ ރައްކާތެރިކަމާއި، ހާއްސަ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަކީ ދައުލަތަށް ލާޒިމް ކަމެކެވެ.

މިގޮތުން، އެޓާނީ ޖެނެރަލް އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، 1 އަހަރުން ދަށުގެ 3 ކުދިންނާއި، 1 އަހަރާއި 2 އަހަރާ ދެމެދުގެ 4 ކުދިންނާއި، 2 އަހަރާއި 5 އަހަރާ ދެމެދުގެ 3 ކުދިންނާއި، 13 އަހަރުގެ ކުއްޖެއްގެ މައްސަލައެވެ. މި 11 ކުދިން ދައުލަތުގެ ބެލެމުގެ ދަށަަށް ގެނެވިފައިވަނީ އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ މައިންބަފައިން ހަވާލުވުމަށް އިންކާރުކޮށްފައިވާތީ ނުވަތަ މައިންބަފައިން އެ ކުދިން ބެލެހެއްޓުމުގައި ތަކުރާރުކޮށް އިހުމާލުވަމުންދާތީ، އަދި އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވާނެ އެ ކުދިންގެ އާއިލާގެ އެއްވެސް މެންބަަރަކު ހަމަޖެހިފައިނުވާތީ، އެ ކުދިންގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުންކަމަށް އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މި 11 ކުދިންގެ މައިންބަފައިންގެ ތެެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމުގައި ޖެންޑާ މިނިސްޓްރީއިން ބުނެއެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކޮންމެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި މިއަދު ފެމެލީ ކޯޓަށް އެޓާނީ ޖެނެރަލްގެ އޮފީހުން 11 (އެގާރަ) މައްސަލަ ހުށަހެޅުމުން، އެފަދަ އަމުރެއް ހޯދުމަށް އެދި ޖެންޑާ މިނިސްޓްރީން، އެޓާނީ ޖެނެރަލްގެ އޮފީހަށް މިވަގުތަށް ފޮނުއވާފައިވާ ހުރިހާ މައްސަލަތަކެއް ކޯޓަށް ހުށަހަޅާ ނިމުނީކަމަށް އެ އޮފީހުން ބުނެއެވެ.