އައިޖީއެމްއެޗްގައި ކުދިންތަކެއް މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ޕީއެސްއެމްއިން ކުރިއަށްގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި، އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އައިޖީއެމް ހޮސްޕިޓަލުގައި ނިޔާވި ކުދިންގެ ތެރެއިން ކުއްޖެއްގެ ބައްޕަ އެ ޕްރަގްރާމްގައި ފޯނުން ވާހަކަދައްކަމުން ބުނީ ވިހެއުމުގެ ތެރޭގައި ކުދިންތަކެއް މަރުވީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށެވެ. އަދި އެކަން ސާބިތުކޮށްދެވޭ މިންވަރަށް އޭނާގެ އަތުގައި ހެކި އެބަހުރި ކަމަށެވެ. އަދި އެ މައްސަލާގައި އިހްމާލުވި ފަރާތްތައް ޒިންދާރުކުރުވަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. އަދި ކަމާއި ބެހޭ ކޮމިޓީއަށް އެ މައްސަލަ ފޮނުވައި، މަޖިލީހުން އެކަން ބަލާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ނޮވެންބަރު މަހުގެ ފަނަރަ ވަނަ ދުވަހު އައިޖީއެމްއެޗުގައި ވިހޭ ތިން ކުއްޖަކުވަނީ މަރުވެފަ އެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކުވަނީ ސޯޝަލް މީޑިއާގައިވެސް ނުރުހުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވެމުނެ ވާހަކަތަކުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ލޭބާ ރޫމްގައި ޑިޔުޓީގައި އުޅުނީ އެންމެ ޑޮކްޓަރެއް ކަމަށާއި އައިޖީއެމްއެޗުގައި އާންމު ގޮތެއްގައި ހުކުރު ދުވަހު ހުންނަނީ އެއް ޑޮކްޓަރެއް ކަމަށެވެ. މީހަކު ވިހަނީ "ހުކުރެއް ހޮނިހިރެއް" ބަލައިގެން ނޫން ކަމަށާއި ރޭ މަރުވި 2 ކުދިންގެ ތެރެން އެއް ކުއްޖާގެ ވިންދު ނެތްކަން އިހުސާސް ވުމުން އެމަޖެންސީއަށް ދިޔަކަމަށާއި ކުއްޖާގެ ވިންދު ބަލަން ޝީޓެއް ދިނުމަށްފަހު، ފޮނުވާލީ ކަމަށެވެ.
އެކަމާއި ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުން އެ ދުވަހާއި އެރޭ ވިއްސި ކުދިންތަކުގެ ތެރެއިން މަރުވެފައި ވަނީ ދެ ކުދިން ކަމަށެވެ. ޕްރިނޭޓަލް އަދި ޕޯސްޓް ނޭޓަލް ކޮންމެ މަރަކީވެސް އެ ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގުކުރެވި މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ ކޮމެޓީން ވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުންގެންދާ ކަމެއް ކަމަށެވެ.
އަދި ހަމަ އެހެންމެ އެފަދަ ކޮންމެ މަރެއްގެ ތަފްސީލު އާއިލާއިން ބޭނުންވެއްޖެ ނަމަ ހިއްސާ ކުރަމުން ދާ ކަމަށާއި، ހޮސްޕިޓަލުގައި ފުރާނައެއް ވަކިވާ ކޮންމެ ފަހަރަކު ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ފުން ހިތާމަ އިހްސާސް ކުރެވޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.