މާލެއިން އެއާޕޯޓަށް ދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބަހެއް ދުއްވަން އިން ޑްރައިވަރަކު ފޯނު ބޭނުންކުރަމުން ބަސް ދުއްވި މައްސަލައިގައި އެމީހާ ހޯދާ، އެ މީހާއަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ އެ ބަސް ދުއްވަން އިން ޑްރައްިވަރު ހޯދުމަށްފަހު، ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނުން ވާހަކަ ދައްކަމުން ބަސް ދުއްވި މައްސަލއިގައި ލައިސަންސް ހިފަހައްޓައިފައި ވާ ކަމަށެވެ. އަދި ލިޔުމުން ނަސޭހަތާއި އިންޒާރު ދީފައި ވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައި ވަނީ ފޯނު ބޭނުން ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯސަލް މީޑިއާގައި މީހަކު އާންމު ކުރުމާ ގުޅިގެންނެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުން، އެމްޓީސީސީ ޔުނީފޯމްގައި އިން ދެ ބައި އުމުރުގެ އެ ބަސް ޑްރައިވަރު އިންނަނީ ހުޅުލެ އިން ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓަށް ހުއްޓައިގެންނެވެ. އޭރުވެސް އިންނަނީ އޭނާގެ ފޯނާއި ކުޅޭށެވެ. ލައިޓް ފެހި ވުމުން ހައިވޭ އިން ހުޅުމާލެއަށް ދާން ބަސް އަނބުރާލި އިރު އެ ޑްރައިވަރު އިނީ ފޯނު ކަންފަތުގައި ޖައްސައިގެންނެވެ. ދެން ތަންކޮޅަކަށް ދުއްވާލުމަށް ފަހު ފޯނު ތިރިކޮށްލައި އަނެއްކާ ވެސް ކަންފަތުގައި ފޯނު ޖައްސައެވެ. އެ ބަސް ޑްރައިވަރު ބަހުގެ ހުންގާނު އެއް އަތުން އަނބުރަމުން ދާއިރު އަނެއް އަތުން ދިޔައީ ފޯނު ބޭނުން ކުރަމުންނެވެ.

އެ ވީޑިއޯ ޓްވީޓާއަށް ލުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާ އެމީހާ އަށް ފިޔަވަޅު އަޅަން ގޮވާލާފައެވެ. ބްރިޖު ހައިވޭގައި މި ފަހަކަށް އައިސް، މިފަދަ އަމަލު ތަކުގެ ސަބަބުން މީހުން މަރުވުމާއި އެކްސިޑެންޓް ތަށް ހިނގުން ވަނީ އާންމު ވެފައެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ އެމްޓީސީސީގެ ބަހަކުން ޖެހި ސައިކަލެއްގެ ފަހަތުގައި އިން 13 އަހަރުގެ އަންހެން ކުއްޖެއް މަރުވެފައެވެ. އަދި މިދިޔަ ރޯދަ މަހު ވެސް އެމްޓީސީސީގެ ބަސްް ޑްރައިވަރަކަަށް ނިދި ޖެހި ޕޭމަންޓް މަތިން ހިނގާފައި ދިޔަ ޔުކްރޭންގެ ފަތުރުވެރިއެއްގެ ގަޔަށް ބަސް އަރައި އެ މީހާވެސް ވަނީ މަރުވެފައެވެ. އަދި ހަމަ އޭގެ ކުޑަދުވަސްކޮޅެއް ފަހުން އެމްޓީސީސީގެ ބަހެއް ކާރެއްގައި ޖެހި އެކްސިޑެންޓްއެއް ވަނީ ހިނގާފައެވެ. ބަސް ދުއްވަނިކޮށް ނިދިގެން ހިނގި ދެ އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.