މިހާރަކަށް އައިސް އެންމެ ގިނައިން އިވޭ އަޑަކީ އިމްކަމް ޓެކްސް އާއި އެންމެ ކުޑަ އުޖޫރައިގެ ވާހަކައެވެ. ޤާނޫނަކުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން އެ ވެގެންދާނީ ޤައުމީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައެވެ. ސަރުކާރުން އެންމެ ކުޑައުޖޫރަ ކަނޑައަޅަނީ މަސައްކަތްކުރާ މީހުންނަށް މިހާރު ލިބެމުންދާ އުޖޫރަ ކުޑަވެގެން އެކަމުގެ ކަންބޮޑުވުން އިތުރުވެގެންނެވެ. އަދި ދިރިއުޅުމުގެ ފެންވަރު އިތުރު ކުރުމަށާއި އާއިލާގެ އާމްދަނީ އިތުރު ކުރުމަށެވެ. ނަމަވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ޤާނޫނެއް ފަސްކުރާއިރު އެންމެ އުނދަގޫވާނެ ކަމަކީ އެންމެ ކުޑަ އުޖޫރަ ދެނެގަތުމަށެވެ. އެކަން ދެނެގަތުމަށް ދިރާސާތަކެއް ކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާދޭ މީހުން ހިމަނައިގެން ސާވޭތަކެއް ހިންގަން ޖެހެއެވެ.

މިހާރު ދެމުންދާ މުސާރަތަކުގެ އޮނިގަނޑު ބަލައި، މިހާރު ރާއްޖޭގައި ދެމުންދާ އެންމެ ކުޑަ އުޖޫރަ ދެނެގަންނަން ޖެހެއެވެ. އަދި އެ އުޖޫރަ ލިބިގެން ދިރިއުޅޭ މީހާގެ ހަރަދުތަށް ބަލަހައްޓާ ގޮތްވެސް ބަލަން ޖެހެއެވެ. ދިރިއުޅުމުގެ އަގުތަށް ބަލައި ވަޒީފާ އަދާކުރާ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަލަން ޖެހެއެވެ. މިފަދަ ކަންކަން ނުބަލައި ޤައުމީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިފިއްޔާ އޭގެ އަސްލު މަގުސަދު ހާސިލުނުވެ، ކުރިމަސައްކަތް ބޭކާރު ވެދާނެއެވެ.

އެންމެކުޑަ އުޖޫރައާ ބެހޭ ޤާނޫނު ހަދާއިރު ހަމައެކަނި ވަޒީފާ އަދާކުރާ މީހާއަށް ވިސްނައިގެން ޤާނޫނު ފާސްކޮށް އަމަލުކުރަން ފަށައިފިނަމަ، އެއީ ދެމެހެއްޓެނިވި ނިންމުމަކަށް ނުވެދާނެއެވެ. އެހެންކަމުން އިންޑަސްޓްރީތަކާއި، ކުދި މެދުފަންތީގެ ވިޔަފާރިތަކާއި، އެންމެ ބޮޑެތި ވިޔަފާރިތަކަށްވެސް ސަމާލުކަން ދޭންޖެހޭނެއެވެ. އެންމެ ކުޑަ އުޖޫރައިގެ އަސަރު ވިޔަފާރިތަކަށް ކުރާނީ އެވިޔަފާރިއެއްގެ އުޖޫރަ ފައިދާއިން ކުރަންޖެހޭ ކަންތަށް ނުކުރެވުނީމައެވެ. ފައިދާ ކުޑަވުމުން ހިއްސާދާރުންނަށް ލިބޭ އާމްދަނީ މަދުވާނެއެވެ. ފައިދާއިން އިތުރަށް ވިޔަފާރި ތަރައްޤީކުރުމަށް އޮންނަ ފުރުސަތު ގެއްލިގެން ދާނެއެވެ.

އެހެންކަމުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން އެންމެބޮޑަށް އަސަރުކުރާނީ ކުދި ވިޔަފާރިތަކަށެވެ. ދެން އެންމެބޮޑަށް އަސަރުކުރާނީ ވާދަވެރިކަން ބޮޑު، މެދުފަންތީގެ ވިޔަފާރިތަކަށާއި، އިމާރާތް ކުރުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށެވެ. އެހެންކަމުން އިންކަމް ޓެކުހާއި، އެންމެކުޑަ އުޖޫރައިގެ ސަބަބުން ވިޔަފާރީގެ ފައިދާބޮޑު، އަދި އިންވެސްޓް ކަވަރުވެ ފައިދާގެބައި ބޮޑު ކުންފުނިތަކުގެ ހިއްސާދާރުންނަށް ލިބޭ ފައިދާއިން އުނިވެގެން ދާނެއެވެ. އަދި މިކަން އެނގޭނީވެސް ދިރާސާއަށް ފަހު ކަނޑައަޅާ އެންމެކުޑަ އުޖޫރައެއް އެނގުނީމައެވެ.

ކޮންމެ ވިޔަފާރިއެއްގެވެސް ޕްރޮފިޓް ކަނޑައަޅަނީ ވިޔަފާރިއެއް ހިންގުމަށް ކުރާ ހަރަދު ކަނޑާފައެވެ. މުވައްޒަފުންގެ އުޖޫރައާއި، ޕެންޝަނާއި، އިނާޔަތްތަކަކީ ކޮންމެ ވިޔަފާރިއެއްގައިވެސް ކަނޑަންޖެހޭ ހަރަދުގެ ގޮތުގައި ހިމެނޭ އެއްޗެކެވެ. އެހެންކަމުން މީހުންގެ މުސާރައާއި އިނާޔަތް ބޮޑުވެއްޖެއްޔާ ވިޔަފާރީގެ ފައިދާ ކުޑަވެ، އެހެނިހެން ހަރަދުތަކުން ހަމަޖައްސަން ޖެހެއެވެ. އޭގެ ސަބަބުން ވިޔަފާރީގެ ހިންގުމަށް އަދި ކުރިއެރުމަށް ހުރަސްތަކެއް ދިމާވާނެއެވެ. އޭގަ ނަތީޖާއަކަށް ވާނީ ހަރަދުކުޑަކުރަން ޖެހުމެވެ. އޭގެ ތެރޭގައި މުވައްޒަފުން މަދުކުރުމާއި ވިޔަފާރީގެ ދާއިރާތަށް ހަނިކުރުން ހިމެނޭނެއެވެ. އެހެންކަމުން އެއީ ސަރުކާރުންވެސް އެދޭނެ ގޮތެއް ނޫނެވެ. ސަބަބަކީ ވިޔަފާރިތަކުގެ ހިންގުން ލަސްވެ ކުރިނާރަންޏާ ސަރުކާރަށް ވަންނަންޖެހޭ ޓެކުސްގެ ފައިސާ މަދުވާނެތީއެވެ.

އިނގިރޭސި ވިލާތުގެ ފެޑެރޭޝަން އޮފް ސްމޯލް ބިޒްނަސް (އެފް.އެސް.ބީ) ސާވޭއެއް ދައްކާގޮތުން 65 ޕަސެންޓް ކުދި ވިޔަފާރި ކުންފުނިތަކުގެ ފައިދާއަށް ވަނީ ޤައުމީ އެންމެކުޑަ އުޖޫރައިގެ އަސަރުކޮށް، އޭގެ ސަބަބުން ދެންތިބި މުއައްޒަފުންގެ މުސާރަ ބޮޑު ނުކުރެވިފައެވެ. 39 ޕަސެންޓް ކުންފުނިތަކުގެ މުދަލާއި ހިދުމަތުގެ އަގު، އެކަން ފޫބެއްދުމުގެ ގޮތުން ވަނީ މަތިކޮށްފައެވެ. 24 ޕަސެންޓް ކުންފުނިތަށް ވަނީ ކުރިއެރުން ލަސްވެ ފަހަތަށް ޖެހިފައިއެވެ. އަދި އެކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ވަނީ ހުއްޓާލައި ފަހަށް މަޑުޖައްސާލައިފައެވެ. އަދި 22 ޕަސެންޓް ކުންފުނިތަށް ވަނީ ހަރަދު ކުޑަކުރުމަށް މުވައްޒަފުންގެ ގަޑިތަށް މަދުކޮށްފައެވެ. 19 ޕަސެންޓް ކުންފުނިތަކުން މުއައްޒަފުން ވައްދާފައި ވަނީ މަދުންނެވެ. އެންމެ ކުޑަ އުޖޫރައިގެ ރޭޓުން އުމުރުން 25 އަހަރުގެ މުއައްޒަފުން އިތުރުކޮށްފައި ވަނީ އެންމެ 4 ޕަސެންޓް ކުންފުންޏެވެ. ގިނަ ކުންފުނިތަކުން މިހާރުވެސް މުސާރަ ދެމުން ދަނީ ޤައުމީ ލެވަލްއިން މަތީގައެވެ. ނަމަވެސް ޤައުމީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ އެކުގައި 43 ޕަސެންޓް މުއައްޒަފުންގެ މުސާރަ އެއާ އެއްވަރަށް އިތުރު ކުރަން ޖެހުނެވެ.

މީރާގެ ހިދުމަތް ދޭ މަރުކަޒު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅިގެން އެއްވެސް ބަޔަކަށް ގެއްލުންނުވެ ދިރިއުޅުމުގެ ހަރަދު ކުޑަވާނެގޮތަކީ ކޮބާ؟

ވިޔަފާރީގެ ހަރަދުތަށް ބެހިގެންދާ އެތަކެއްކަމެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި ޔުޓިލިޓީ ބިލްތަކާއި، ކުލިތަކާއި، އެވިޔަފާރިއެއް ކުރިއަރުވަން ކުރާ އިންވެސްޓްމަންޓް ހިމެނެއެވެ. އެހެންކަމުން ސަރުކާރުން އެންމެކުޑަ އުޖޫރައާ އެކުގައި ބޭންކު ތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރަސްޓް އަދި އެހެނިހެން ޗާޖަސް ކުޑަކުރަން މަސައްކަތް ކުރެވިދާނެއެވެ. އަދި ރާއްޖޭގެ އެކި އެކި ސަރަހައްދުތަކުން ވިޔަފާރިތަކަށް ހާއްސަ ތަންތަން އަގުހެޔޮކޮށް ލިބޭނޭހެން ތަރައްޤީކޮށް ވިޔަފާރިތަކަށް ކުޑައަގެއްގައި ދޫކުރެވިދާނެއެވެ. އޭގެ އިތުރުން ގުދަންތަށްވެސް އަގުހެޔޮކޮށް ދޫކޮށް، ސަރުކާރުން ދެމުންދާ ހިދުމަތްތަކުގެ އަގު ހެޔޮކުރެވިދާނެއެވެ. އަދި ޕެންޝަނަށް ލިބޭ ފައިސާއިން ބޭންކުތަށް މެދުވެރިކޮށް ވިޔަފާރިތަކަށް ލުއިލޯނު ދެވޭނެ އުސޫލެއް ހަމަޖެއްސިދާނެއެވެ. އަދި ކޮންމެ އަހަރަކު ވިޔަފާރި ފުޅާކުރުމަށް ކުރާ ހޭދައިން ޓެކްސް ލުއި ދެވިދާނެއެވެ.

ޤާނޫނު ހަދާއިރު ވިސްނަން ޖެހެނީ ދެމެހެއްޓެނި ގޮތަކަށް ހުރިހައި ވިޔަފާރިތަކެއްވެސް ތަރައްޤީ ކުރެވޭނެ ގޮތަކަށް އެކަން ކުރާށެވެ.

ދިރިއުޅުމުގެ އަގުބޮޑުވާ އެންމެ ބޮޑު ސަބަބަކީ ތަކެއްޗާއި ހިދުމަތުގެ އަގުބޮޑުވުމެވެ. މިހުރިހައި ކަމެއް ގުޅިފައިވ ަނީ ވިޔަފާރިއާއެވެ. ވިޔަފާރިއާއި ހިދުމަތުގެ އަގު ބޮޑުވަނީ ރާއްޖޭގައި ވިޔަފާރިކ ުރުމަކީވެސް ހަރަދުބޮޑު ކަމަކަށް ވާތީ އާއި ވިޔަފާރި ކުރަން އޮތް އާބާދީ ކުޑަވީމައެވެ.

ސަރުކާރުން ހުޅުވާލައި ޕްރޮޖެކްޓްތަށްވެސް ބޭރުގެ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި ދިވެހި ކުންފުނިތަކަށް ލިބޭނެގޮތް ސަރުކާރުން ވަކި ޤާނޫނެއްގެ ތެރެއިން ހަމަޖައްސައި އަމަލުކުރަން ފެށުމުން ކުންފުނިތަކުގެ ހިންގުން އިތުރުވެ އާމްދަނީ އިތުރުވެ ބުރަބޮޑުނުވެ ހިންގޭނެއެވެ.