މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުން އޮކްސިޖަން މަދުވެ، ކަނޑުގެ ދިރުންތަކާ މަސްމަހާމެހީގެ އިތުރުން އައްސޭރިފަށުގައި ވަޒަންވެރިއުޅޭ އާބާދުތައް ނުރައްކަލުގެ ފައްތަރަކަށް ވެއްޓިފައިވާކަމުގެ އިންޒާރު، ތިމާވެށި ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވަމުންދާ އިންޓަނޭޝަނަލް ޔޫނިއަން ފޯ ދަ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)އިން ދީފިއެވެ.
އައިޔޫސީއެންއިން ބުނީ، ދުނިޔޭގެ ކަނޑުތަކުގެ އެކި ހިސާބުތަކަށް ބަލާއިރު އޮކްސިޖެން ލެވަލް ދަށްވުމުގެ މައްސަލަ 700 އެއްހާ ސައިޓްއިން ފާހަގަކުރެވިފައިވާ ކަމަށެވެ. 1960ގެ އަހަރުތަކުގައި މިއަދަދު އުޅުނީ އެންމެ 45 ގައެވެ.
ކަންމިހެން އޮތްއިރު، ހަމަ މިމުއްދަތުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑުން އޮކްސިޖަން މުޅިން ހުސްވެފައިވާ ސަރަހައްދުތަކުގެ އަދަދު 4 ގުނައަށް އިތުރެވެފައިވާކަމުގެ އިންޒާރުވެސް އައިޔޫސީއެންއިން ވަނީ ދީފައެވެ.
ދުނިޔޭގެ އެކި ބޭނުންތަކަށް އަންދަމުންދާ ވިހަ މާއްދާތަކުގެ 4 ބައިކުޅަ 1 ބައި ފައިބައިގެން ދަނީ ކަނޑަށެވެ. މިއީ ހަކަތައަށް އޮތް ޑިމާންޑް މުޅި ދުނިޔޭގެ ފެންވަރުގައި އިތުރުވަމުންދާ ދަނޑިވަޅަކަށްވާއިރު، ކަނޑުތަކަށް ދެން އިތުރަށް ނުކަތާ ވަރަށް ހާލަތު ގޯސްވުން އެކަށީގެންވާ ކަމަށްވެސް އައިޔޫސީއެންއިން ވަނީ އިންޒާރުކޮށްފައެވެ.
މިހާރު ކަން ހިނގަމުންދާ ގޮތަށް ކުރިއަށްދާން ވެއްޖެނަމަ، 2100 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑުގެ ސަރަހައްދުން ގާތްގަނޑަކަށް 3.0-4.0 ޕަސެންޓްއާއި ދެމެދު މިންވަރަކަށް އޮކްސިޖަން ގެއްލި ހުސްވުން އެކަށީގެންވާކަމަށް އައިޔޫސީއެންއިން ބުނެއެވެ.
މިކަން އެންމެ ބޮޑަށް ކުރިމަތިވާނެ ކަމަށް ބެލެވެނީ ލޮނުގަނޑުގެ އެންމެ މަތީ ފަށަލައިން ފެށިގެން އަޑިއަށް އޮންނަ ފުރަތަމަ 1000 މީޓަރެއްހާ ހިސާބު ސަރަހައްދަކަށް ކަމަށް ވާއިރު، މިއީ ކަނޑުގެ ދިރުންތައް އެންމެ މުއްސަނދި ހިސާބުވެސްމެއެވެ.
ކަނޑުގެ ލޮނުގަނޑުން އޮކްސިޖަން މަދުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކަނޑުގެ ލޮނުގަނޑު ހޫނުވަމުންދާ ދިއުމެވެ. ކަންމިހެން އޮތްއިރު ކަނޑުމަހުގެ ބާވަތްތަކާ، މިޔަރު ފަދަ މަސްމަހާމެއްސަކީ އޮކްސިޖަން ދަށްވުމުގެ ސަބަބުން ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭ ދިރުންތަކެކެވެ.
މިފަދަ އެތައް ކަމެއްގެ ނުސީދާ އަސަރު ކުރާނީ، ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އެތައް މިލިއަން އިންސާނުންނަކަށް ކަން އައިޔޫސީއެންއިން ފާހަގަކުރެއެވެ.