ރާއްޖޭގެ ތަރައްގީ ދެން ކުރިއަށް ގެންދެވެން އޮތީ އައްޑުއަށް ހާއްސަ ތަރައްގީއެއް ހޯދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "އާސްކް ސްޕީކާ"ގެ ނަމުގައި ބާއްވާ ޕްރޮގްރާމް ގައި ގެނެސްދިން ފުރަތަމަ ވީޑިއޯ ސުވާލުގައި އާންމުންގެ މީހެއް ކަމަށްވާ މުހައްމަދު އަކްރަމް ބުނީ، ދިވެހި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ކަންކަން ކުރަން ރާވާފައި އޮތް ކަމަށް ވާނަމަ އެކަން ގާނޫނަކުން ވާނެތޯއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެއްފަސް ވެފައިވާ ބޮޑު އެއް ސަރަހައްދެއްގެ ގޮތުގައި އޮތް އައްޑޫ ތަރައްގީ ކުރުމަކީ އެމްޑީޕީގެ އެންމެ ކުރީގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ ކަމެއް ކަމަށެވެ.
މާލެ ފިޔަވާ އެންމެ ބޮޑު އާބާދީއެއް ދެން އޮތް ތަނަކީ އައްޑޫ ސީޓީ ކަމާއި ގުދުރަތީ ގޮތުން ގިނަ ވަސީލަތްތައް އޮތް ތަނެއް ކަންވެސް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއީ ރަށްވެހިކަމުގެ ބޮޑު ތާރީހެއްވެސް އޮތް ތަނެއް ކަމަށާއި އަދި ތަރައްގީއަށް ބޮޑެތި ފުރުސަތުތަކެއްވެސް ފަހިވެފަިއވާ ތަނެއް ކަމަށެވެ. އެގޮތުން އައްޑޫގެ ހުރިހާ މަގުތަކެއް ހެދުމާއި އައްޑޫގެ އެކިއެކި އިގްތިސޯދީ އަދި އުމްރާނީ މަސައްކަތްތައް އަދި އެކިއެކި އިގްތިސޯދީ މަސައްކަތްތަކަށް މަގުފަހިވުމަށް ޖާގަ ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. އޭގެތެރިން ގޭދޮށު މަސްޕްލާންޓްގެ ދެ މަސް ޕްލާންޓް ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ހެދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އައްޑޫ މަސް ޕްލާންޓް ހެދުމުން ވަޒީފާގެ ފުރުސަތުތައްވެސް ލިބިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އައްޑޫގެ ތަރައްގީއަށް މި ސަރުކާރާއި އެމްޑީޕީގައި ވަރަށް ސާދާ ތަފްސީލު ތަސައްވަރެއް އެބައޮތް ކަމަށާއި އަދި އެކަން ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
އާސްކް ސްޕީކާ ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީގާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް މަޖިލީހުގެ ރައީސް ޖަވާބު ދެއްވުމަށް ބާއްވާ ޕްރޮގްރާމެކެވެ. ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ސްޓޫޑިއޯގައި ބާއްވާ މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ވަނީ ގެނެސްދީފައެވެ. މިއީ މިގޮތަށް އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ ރައީސަކު ބޭއްވެވި ފުރަތަމަ ޕްރޮގްރާމެވެ.