ފުލުހުންގެ ހައްޔަރުކުރި މީހަކަށް އަނިޔާވި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، މި މީހާ ހައްޔަރު ކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ދެ ފުލުހަކަށް ބިރު ދައްކައި އިންޒާރުދީ އަދި އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައެވެ. އަދި މިކަމާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރު ކުރި އިރު އެއްވެސް އަނިޔާއެއް ހުރި ކަމަށް މައުލޫމާތު ލިބައިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް މިމަހުގެ 6 ވަނަ ދުވަހު މި މީހާ ރޯގާ ޖެހި ބަލިވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އިނގިލީގައިވެސް ރިއްސާކަމަށް ބުނާތީ އެކްސްރޭ ނެގިއުރު، ކަނާތު އިނގިއްޔެއްގެ ކަށިގަނޑަށް އަނިޔާވެފައިވާ ކަން ފާހަގަ ކުރެވިފައި ވާ ކަމަށް ފުލުހުން ބުނެއެވެ. މި އަނިޔާ އޭނާއަށް ލިބިފައިވަނީ ކިހިނެއްތޯ ބެލުމަށް ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، އޭނާގެ އާއިލާއަށްވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޑޭންޑާޑްސް ކޮމާންޑުގެ ނަންބަރު ހިއްސާ ކުރުމަށް ފަހު ކުރިއަށް ދާނެ ގޮތް ކިޔާދީފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

ބަންދުގައު ހުރި މީހާ އިއްޔެގެ ވަގުތެއްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.